Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

މުއްދަތުތަކަށް ބަދަލު ގެންނަނީ އަވަހަށް އިންތިހާބު ބޭއްވުމަށް: އަލީ ނިޔާޒް

މެމްބަރު އަލީ ނިޔާޒް--

ލޯކަލް ކައުންސިން އިންތިހާބާއި ގުޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް ހާއްސަ ގާނޫނުން ބަދަލު ގެންނަނީ އިންތިހާބު އަވަހަށް ބޭއްވުމަށް ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ޤާނޫނުގައި އޮތްގޮތަށް މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަަމަށެވެ. އަލީ ނިޔާޒް ވިދާޅުވީ އިންތިހާބު ބޭއްވުން ލަސްވި ނަމަވެސް އިދާރީ މަސައްކަތްތައް ކުރެވޭނެ ކަމަށް ޤަބޫލުކުރި ކަމަށާއި އެހެންނަމަވެސް އެމަގުން ކަން ނުކުރެވޭނެކަމަށް އީސީއަށް ގާނޫނީ ލަފާ ލިބޭކަމަށެވެ. އެހެންކަމުން މަސައްކަތްތައް ކުރުމުގައި ހުރަކަށް ވާން ބޭނުންނުވާކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ޤާނޫނަށް ބަދަލުގެނައި ނަމަވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދެއްވާ އިރުޝާދުގެ ސަބަބުން އިންތިހާބު ފަސްވެގެން ހިނގައިދާނެ ކަމަށާއި އެހެންކަމުން އިންތިހާބު ބޭއްވޭނެ ގައިޑްލައިނެއް އަންނަންޖެހޭ ކަމަށެވެ. އަދި އެ ގައުޑްލައިންގެ ތެރެއިން ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށްވެސް އަލީ ނިޔާޒް ވިދާޅުވި އެވެ.

މި ބިލުގެ ތެރެއިން އާންމު އިންތިހާބުތަކާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ބައެއްކަހަލަ މުއްދަތުތަކަށް މި ބިލުގެ ތެރެއިން ބަދަލު ގެނެވޭނެކަން ފާހަގަކޮށް އަލީ ނިޔާޒް ވިދާޅުވީ އޭގެ ބޭނުމަކީވެސް އަވަހަށް އިންތިހާބު ބޭއްވުން ކަމަށެވެ. އަދި މުއްދަތުތަކަށް ބަދަލު ގެނައުމުގައި އީސީގެ ކަންބޮޑުވުން އެބައޮތް ކަމަށާއި އެހެންނަމަވެސް އެ ކަންބޮޑުވުންތަކަށް އެޑްރެސް ކުރެވޭނެ ކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ. އަދި އެ މުއްދަތު ބާއްވައިގެންވެސް ޤާނޫނުގައި އޮތް މުއްދަތުގެ ތެރޭގައި އިންތިހާބުގެ ކަންކަން ކުރެވޭނެ ކަމަށް ދެކޭ ކަމަށް ވިދާޅުވި އެވެ.

ކޯޓުތަކުގައިގައި އިންތިހާބާއި ގުޅިގެން 3 މައްސަލައެއް ހިނގާކަން ފާހަގަކޮށް އަލީ ނިޔާޒް ވިދާޅުވީ، މި މުއްދަތުގައި އެ މައްސަލަތަކަށް އަވަހަށް ގޮތެއް ނިންމަންޖެހޭ ކަމަށެވެ. އެގޮތުން އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަކޮށްފައިވާ މައްސަލަ އާއި ޕީޕީއެމްގެ ކެނޑިޑޭޓެއްގެ ކެނޑިޑެސީ ބާތިލު ކުރި މައްސަލައެއްގެ އިތުރުން އިންތިހާބަށް އަލުން ހުޅުވާލުމަށް އެދި ކޯޓުގައި އޮތް މައްސަލައެއް އެބަ އޮތްކަން އަލީ ނިޔާޒް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ވީހާވެސް އަވަހަކަށް މި މައްސަލަތައް ނިންމާ ދައުލަތުގެ ހުރިހާ ފަރާތަކުން ވެސް އިންތިހާބު ބޭއްވުމަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

މިހާރުވެސް އަހަރު ދުވަސް އިންތިހާބު ފަސްކޮށް ބޭއްވިއްޖެ ކަމަށާއި އިތުރު މުއްދަތެއް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ. އަދި ޕެންޑެމިކް ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތް ހޯދަންޖެހޭ ކަމަށާއި އެހެން ޤައުމުތަކުގައި ވެސް އެގޮތް ހޯދާކަމަށް އަލީ ނިޔާޒް ވިދާޅުވި އެވެ. އަދި މުޅި ދައުލަތް ހުއްޓުވައިގެން ނުތިބެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.