Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އެމްޑީޕީ މޮޅީ ހޮޅުއަށީގައި ވާހަކަ ދައްކަން: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް--

ވެރިކަން ކުރާ އެމްޑީޕީ މޮޅީ ހޮޅުއަށީގައި ވާހަކަ ދައްކަން ކަމަށާއި، ރައްޔިތުންނަށް ފައިދާއެއްވާ ކަމެއް ނުކުރާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ ބިލަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ޤާނޫނަށް އިސްލާހު ހުށަހެޅީ އިހުލާސްތެރިކަމެއް އޮވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ ނުބާއްވާވެސް އިންތިހާބު ބޭއްވޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއިސްލާހުން ވެސް ކުރަންއުޅޭ ކަަމަކީ ހަގީގަތުގައި ހާއްސަ ގާނޫނު އައިސްފައިވާ ގޮތަށް، ގާނޫނުއަސާސީއަށް ފުށުއަރާކަހަލަ ކަންތައްތަކެއް ކުރުމަށް އަނެއްކާވެސް މި އަވަސްވެގަތީ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އަދިވެސް އޮތީ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް ވަކި ގޮތަކަށް އިއުލާނު ކުރުމުން އިންތިހާބުގެ ކަންކަން ކުރެވޭގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކޮށް އަނެއްކާވެސް އީސީގެ ބާރުތަކެއް ކަނޑުވާލާ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ވަންނަގޮތަށް ކަންކަން ކުރަމުން އަންނަކަމަށެވެ. އަދި ރައީސް ސޯލިހް އަންގަވާގޮތަކަށް ވެރިކަން ކުރަމުން އަންނަނީ އެޗްޕީއޭއިންނޭ މިއަދު ހީވާކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމޭ، ތިމަންނަމެންގެ ބޭބީއެކޭ ކިޔަނީ. އެމްޑީޕީއަކީ ހޮޅުއަށިތަކުގައި ވާހަކަދައްކަން ނިކަންމޮޅު ޕާޓީއެއް. އެހެންނަމަވެސް ރައްޔިތުންނަށް ރަނގަޅަށް މި ދިވެހިރާއްޖެއަށް ރަނގަޅުކަމެއް ކުރަންވީމަ ފަހަތުވަޔަށް ބުރަ ވެފަ ތިބޭނީ." ޝިޔާމް ވިދާޅުވި އެވެ.

ލާމަރުކަޒީ ޤާނޫނު އެއްކޮށް ބަދަލުކޮށް ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދިންކަމަށާއި، އެހެން ނަމަވެސް އޭގެ މައްޗަށް ހާއްސަ ޤާނޫނެއް ފާސްކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލާފައިއޮތްތާ އަހަރުދުވަސް ވަނީކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ކައުންސިލްތަކަށް އާމްދަނީއެއް ލިބޭނެ ގޮތެއް އޮތްނަމަ، އެކަމަކަށް ވެސް ހުރަސް އަޅަމުން އަންނަަ ކަމަށް ވިދާޅުވި އެވެ.