Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ސަލީމްގެ ހުށަހެޅުން: ޖޫން މަހާ ހަމައަށް އިންތިހާބު ފަސްކޮށްލުން!

މެމްބަރު އަހުމަދު ސަލީމް--

ޖޫން މަހާއި ހަމައަށް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްލުމަކީ ރަނގަޅު ގޮތެއްކަމަށް ފެންނަކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، އެއްކޮޅުން ދިމާވެފައިވާ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތް ކުރަން ޖެހޭ ކަމަށާއި، އަދި ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތުގައި ބޭއްވުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ބަޔަކު އެމީހުންގެ މައްޗަށް ބަސްކިޔުމަށް ބައިތިއްބަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ޕެންޑެމިކްގެ ހާލަތުގައި މި ދެކަންތައް އެއްކޮށް ހާސިލުކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންއާއި ދަތުރުފަތުރުކުރުން ކޮންޓްރޯލް ކޮށްފައި ބޭއްވުމަކީ މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކުރަމުން އަންނަ އެންމެ މުހިިންމު ދެކަންތައް ކަމަށާއި، އެހެންނަމަވެސް އެ ކަންތައް އެގޮތަށް އޮތްހާ ހިނދަކު ހިތްއެދޭފަދަ އިންތިހާބެއް ބޭއްވޭނެ ކަމަށް ނުދެކޭކަމަށް ސަލީމް ވިދާޅުވި އެވެ.

"މިސާލަކަށް އިންތިހާބުގެ ކަންކަން ވަރަށް މައްޗަށް ގޮސްފައިވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ޕޮޒިޓިވް ވެއްޖިއްޔާ ކިހިނެއްތޯ ވާނީ؟ އެމަނިކުފާނާއި އެކުގައި މަސައްކަތްކުރައްވާ ކޮމިޝަންގެ އެހެން މެމްބަރުން އައިސޮލޭޓް ކުރަން ޖެހިއްޖިއްޔާ ކިހިނެއްތޯ ވާނީ؟ އިސް އޮފިޝަލެއްގެ ގޮތުގައި ރަށަށް ފޮނުވާ އީސީގެ އިސް އޮފިޝަލަކީ ޕްރައިމަރީ ކޮންޓެކްޓަކަށް ވެގެން އައިސޮލޭޓް ކުރަން ޖެހިއްޖިއްޔާ ދެން ކިހިނެއްތޯ ވާނީ؟"

ސަލީމް ވިދާޅުވީ ގިނަ ސުވާލުތަކެއް އުފެދެނީ ނުދެކޭ ގައިޑްލައިނަކަށް އިންތިހާބު ބާއްވާ ވާހަކަ ދައްކަންޖެހޭތީ ކަމަށެވެ.

ސަލީމް ވިދާޅުވީ އިންތިހާބެއް ބާއްވަންވާނީ މިނިވަންކަމާއި އެކު ކެމްޕެއިންކޮށް ދަތުރުފަތުރުކޮށް ތާއީދު ހޯދުމަށް މަސައްކަތްކޮށް އަދި ވޯޓުލާ މީހާއަށްވެސް މިނިވަން ކަމާއި އެކު ވޯޓުލެވޭނެ މަގު ތަނަވަސްވެގެން ދިއުން ކަމަށެވެ. މި ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއިން 600 އަސްވުރެއް ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މިހާލަތުގައި އޮށްވާ އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްއަށް ދެވޭނެ ލުއިތަކެއް ބަލާނުލާ އިސްލާހައިގެން ކުރިއަށް ދާން ނުފެންނަކަމަށެވެ.

އިންތިހާބަކީ ހަރަދުބޮޑު އެއްޗެއްކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިތުރު ހަރަދުތައް ހިނގާނެ ކަމަށެވެ. އެގޮތުން ވޯޓުލާ މަރުކަޒުތައް ޑިސްއިންފެކްޓް ކުރުމަށް ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، ކޮންމެ ވޯޓް ފޮށްޓެއް ކައިރީގައި ފިނިހޫނުމިން ބެލުމަށް ތާމޯމީޓަރު ގަތުމަށް 1.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަދި އިންތިހާބުގައި މަސައްކަތްކުރާ އޮފިޝަލުންގެ ޕީޕީއަށް 3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަލީމް ލަފާކުރެއްވި އެވެ. އަދި މިހާ ތާށި އަދި ދަތި ދަނޑިވަޅެއްގައި ހަމަ ކޮންމެހެން މި ހަރަދުތައް ކޮށްގެން މި އިންތިހާބު ބޭއްވުން މުހިންމުތޯ ސަލީމް ސުވާލު އުފެއްދެވި އެވެ.

ކޮވިޑްގެ ވެކްސިނާއި ވަރަށް ގާތަށް އާދެވިފައިވާކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މޭ މަހާއި ހަމައަށް ރައްޔިތުންނަށް ވެކްސިންދީ ނިމޭނެ ކަމަށް ސަރުކާރުން ލަފާކުރާ ކަމަށެވެ. އެހެންކަމުން ރަމަޟާން މަހުގެ ފަހުން ޖޫން މަހާއި ހަމައަށް އިންތިހާބުގެ ކަންކަން ފަސްކޮށްލައިފި ނަމަ ކިތަންމެ ހަރަދަކުން ސަލާމަތްވެވި މިނިވަންކަމާއި އެކު އިންތިހާބުގައި ކެމްޕެއިން ކުރެވި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ދަތުރުކުރެވި، އިންތިހާބަކީ ހުރިހާ އެންމެންވެސް ބަލައިގަންނަ ޝައްކެއް ނުކުރާފަދަ އިންތިހާބަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑު ޖުމުލަ ގޮތެއްގައި މި ބުނަން ބޭނުންވަނީ އެއްވެސް ގައިޑްލައިން އެއްގެ ދަށުން އިލެކްޝަން ކޮމިޝަން މަސައްކަތް ކުރުމަކީ މިނިވަން ކަމާއި އެކީ އެކޮމިޝަނަށް މަސައްކަތް ކުރެވޭނެކަމެއް ކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން." ސަލީމް ވިދާޅުވި އެވެ.