Last Updated: April 18, 21:11
Thursday, April 18, 2024
ޚަބަރު ސިޔާސީ

ކެމްޕޭނުކުރަން ފުރުސަތު ނެތް ކަމަށްބުނެ ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް

ފޮޓޯ: ޕީޕީއެމް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

އިދިކޮޅުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހު އެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިނުގަތް ކަމަށް އިދިކޮޅުން މައުލޫމާތުދެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ނެތް ކަމަށް ބުނެ އިދިކޮޅުން ކޯޓަށް މައްސަލައެއް ހުށަހެޅި އިރު، އިދިކޮޅު ގާނޫނީ ޓީމުގެ ފަރާތުން ބުނެފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްޤުތައް އިދިކޮޅު ޕާޓީތަކަށް ނުލިބޭކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި އެކު މާލެ ސަރައްދުން ރާއްޖޭގެ އެހެން ތަނަކަށް ދަތުރުކުރާނަމަ 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހެ އެވެ. އެހެން ނަމަވެސް އިދިކޮޅުގެ ކަންބޮޑުވުމަކީ ސަރުކާރުގެ އިސްވެރިން އެޗްޕީއޭގެ ހާއްސަ ހުއްދައަކާއި އެކު ވަކި މުއްދަތަށްވުރެއް ކުރު މުއްދަތަކަށްނަމަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭތީ އެވެ.

ކައުންސިލް އިންތިހާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނަމުން އަންނަނީ ހަމަހަމަ ފުރުސަތުތައް ނުލިބޭނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމުގެ ގޮތުން ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ އިސްލާހުވެސް ހުށަހަޅާފަ އެވެ.