Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ކޮވިޑްގެ ފިޔަވަޅުތަކަކީ އިންތިހާބަށް ހުރަސްއެޅުން ކަމުގައި ބަލައިގެން ނުވާނެ: އަލީ ނިޔާޒް

މެމްބަރު އަލީ ނިޔާޒް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތަކަކީ އިންތިހާބަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަމުން އަލީ ނިޔާޒް ވިދާޅުވީ ބިލު މިހާރު ގެނެސްފައިހުރި ބަދަލުތަކާއި އެކު ފާސް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ބިލު ފާސްކުރުމުން އިންތިހާބު ބޭއްވުމަށް ގާނޫނީ ގޮތުން އޮތް ހުރިހާ ހުރަސްތަކެއް ނެތިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ޤާނޫނީގޮތުން ހުރި ހުރަސްތައް ހަމައެކަނި ނައްތާލުމަކުން އިންތިހާބު ބޭއްވޭނެ ހުރިހާ ގޮތެއް ހަމަވީ ނޫންކަމަށެވެ. މިކަމުގައި އެހެން ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވެ އަލީ ނިޔާޒް ވިދާޅުވީ ހާއްސަކޮށް ގައިޑްލައިން ހަދާއިރުގައި އެ ގައިޑްލައިން ވެގެންދާންވާނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެފަދަ ގޮތަކަށް ކަމަށެވެ.

"އަދި އިރުޝާދު ކޮންމެ ގޮތަކަސް އައި ނަމަވެސް އަޅުގަނޑުމެންވެސް ޕާޓީތަކުންވެސް އަދި ރައްޔިތުންވެސް ޤަބޫލުކުރަންޖެހޭ އެއްކަމެއް އެބައޮވޭ. އާންމު ހާލަތެއްގައި އިންތިހާބެއް ބޭވޭނެފަދަ ގޮތަކަށް ނޫންކަން ގައިޑްލައިން އޮންނާނީ. މިސާލަކަށް ކެމްޕެއިން ކުރުމުގައި ވެސް ބައެއް ހުރަސްތައް ހުރެދާނެ. އަދި ވޯޓްލާ ދުވަހުގެ އިންތިޒާމް ތަކުގައި ވެސް ބައެއް ހުރަސްތައް ހުރެދާނެ. އެހެންނަމަވެސް އެއީކީ އިންތިހާބު ނުބޭއްވޭނެފަދަ ކަމެއްގޮތުގައި ދެކިގެން އިލެކްޝަންސް ކޮމިޝަނުންވެސް މާނަކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން." އަލީ ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ އީސީން މި ހާލަތުގައި ކަންކަން ކުރަންވާނީ މިހާލަތާއި ގުޅުވައިގެން އެންމެ އިންސާފުވެރިކަމާއި އެކު އިންތިހާބު ބޭއްވުމަށް ކަމަށެވެ. އަދި މިއީ ޕެންޑެމިކްގެ ހާލަތެއްކަން އިނގެންވާނެ ކަމަށާއި، ގައިޑްލައިނެއް އައިނަމަވެސް ހުންނާނީ އެ ހާލަތާއި ގުޅޭގޮތަށް ކަމަށް ވިދާޅުވި އެވެ. އަދި ޕެންޑެމިކާއި ގުޅިގެން އަޅާ ފިޔަވަޅުތަކަކީ އިންތިހާބަށް ހުރަސްއެޅޭ ކަންތައްތަކުގެ ގޮތުގައި އީސީން މާނަކުރާނަމަ އިންތިހާބު ނުބޭއްވޭނެ ކަމަށް ވިދާޅުވި އެވެ.

އަލީ ނިޔާޒް ވިދާޅުވީ ސަރުކާރާއި އެމްޑީޕީން އެދެނީ އަވަހަށް އިންތިހާބު ބޭއްވުމަށް ކަމަށާއި ހަތަރެއް އޭޕްރިލްގެ އިންތިހާބުން އިދިކޮޅު ބަލިކުރާނެ ކަމަށެވެ.