Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ޕާޓީތައް ކޮންޓްރޯލް ކުރުމުގެ ބާރުވެސް މިހާރު އޮތީ އެޗްޕީއޭއަށް: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސިޔާސީ ޕާޓީތައް ކޮންޓްރޯލް ކުރުމުގެ ބާރުވެސް މިހާރު އޮތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ކަމަށް ވިދާޅުވެ އެޗްޕީއޭއަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ އިންތިހާބު ލަސްކުރުމުގެ ވިސްނުމުގައި ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކައުންސިލް އިންތިހާބު އަދިވެސް ބޭއްވޭނެ ކަމާއި މެދު ސުވާލު އުފެދޭކަމަށެވެ. އަދި ސަރުކާރަށް މަސައްކަތްތައް ނުކުރެވި ރައްޔިތުން ނިކަމެތި ކުރެވޭކަން އިނގޭކަމަށާއި އެހެންކަމުން ސަރުކާރަށް އަދި އެމްޑީޕީއަށް މި އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނާނެކަން ސަރުކާރަށްވެސް އިނގޭކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އިސްލާހު މިހާރު އޮތީ އެޗްޕީއޭއަށް ސިޔާސީ ޕާޓީތައް ކޮންޓްރޯލް ކުރެވޭގޮތަށް ކަމަށެވެ.

"އެޗްޕީއޭއަށް ފާޑަކަށް މިހާރު މިދެނީ ސިޔާސީ ޕާޓީތައް ކޮންޓްރޯލް ކުރުމުގެ ބާރުވެސް މީގެތެރެއިން ދޭންއުޅޭކަހަލަ ގޮތަކަށް މި އިސްލާހު ނިމިގެން އައިސްފަ މިއޮތީ." ޝިޔާމް ވިދާޅުވި އެވެ.

އެޗްޕީއޭއިން ނެރެފައިވާ އުސޫލުގައި ވާގޮތުން ސަރުކާރު ފަރާތްތަކަށް ރަންތަކަށް ދަތުރުކުރެވޭ އިރު ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ އެންމެނަށް ދަތުރުކުރެވޭގޮތަށް އުސޫލު ހަދާފައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެގޮތަށް އެ އުސޫލު އޮތުމަކީ އިންސާފުން ބޭރުން ކުރާކަމެއްކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.