Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު ރައީސް ސޯލިހު

އަމާޒަކީ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ދިނުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--

އަމާޒަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮވިޑް ވެކްސިނާއި ގުޅޭގޮތުން ޤައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މިއަދަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެއަށް ލިބޭ ދުވަސް ކަމަަށާއި، އެކަމަށްޓަކައި އެންމެ ފުރަތަމަވެސް ﷲ އަށް ހަމްދާއި ޝުކުރު ކުރާ ކަމަށެވެ. އަދި މިއަދު ރާއްޖެއަށްލިބޭ ވެކްސިން ޝިޕްމެންޓަކީ އިންޑިއާގެ އެހީތެރިކަމާއި އެކު ލިބޭ އެއްޗެއްކަން ފާހަގަކުރައްވާ ރައީސް ވަނީ އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

"އެކަމަށްޓަކައި އިންޑިއާގެ އެކުވެރި ރައްޔިތުންނަށާއި، އިންޑިއާ ސަރުކާރަށް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް، ރާއްޖޭގެ ރައްޔިތުންނާއި ސަރުކާރާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން" ރައީސް ސޯލިހް ވިދާޅުވި އެވެ.

ކޮވިޑް-19 ރާއްޖޭން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން، މިބަލިން ރައްޔިތުން ސަލާމަތްކުރުމަށް، ސިއްޙީ މާހިރުންގެ ލަފަޔާއެކު، ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް-19އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުން ކުރަން ފެށުމާއެކު، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ.

އެކަން ހާސިލް ކުރުމަށް މިއަދާ ހަމައަށް އައިއިރު، ކުރެވުނު މަސައްކަތުން ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށާއި އަމާޒަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި، ރާއްޖޭގެ ދިރިއުޅޭ އެންމެނަށް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ހިލޭ ވެކްސިން ދިނުން ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ވޭތުވެ ދިޔަ 10 މަސްދުވަހަކީ، ކޮވިޑްގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ދަތި އުނދަގޫތަކެއް ތަޙަމަލު ކުރި ދުވަސްތަކެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެތައް ބައެއްގެ ވަޒީފާ ގެއްލުނު ކަމަށާއި އެތައް އާއިލާއެއްގެ ބައެއް މެންބަރުން އަބަދަށްޓަކައި ވަކިވެ ގޮސްފައިވާ ކަމަށެވެ. އަދި ވެކްސިނާއި އެކުވެސް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، ސިއްހީ މާހިރުން ދެއްވާ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަ މަލުތައް ބެހައްޓަންޖެހޭ ކަމަށެވެ.