Last Updated: April 26, 14:54
Friday, April 26, 2024
ޚަބަރު

ޔާމީންގެ މައްސަލަ ކުރިއަށްގެންދަނީ ނަޝީދު ބޭނުންވާ ގޮތަށް: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ: - ފޮޓޯ: އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ހުކުމް މިއަދު މެންދުރު 14:15 ގައި ހައިކޯޓުގައި އިއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ޔާމީންގެ މައްސަލައިގެ ހުކުމް ފުރަތަމަ އިއްވަން މި މަހުގެ 14 އަށް ތާވަލުކުރުމަށްފަހު ފަހުން މިއަދަށް ފަސްކުރީ ނަޝީދު ރާއްޖެ ވަޑައިގެން ނެތުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ނަޝީދު ވަޑައިގަތުމުން ނަޝީދު ވިދާޅުވާ ގޮތަކަށް މިކަން ކުރިއަށް ގެންދިޔުމަށް، އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރަން ޖާގަ އޮތް ކަންތައްތަކުގެ ވާހަކަ މި ދައްކަނީ" އަދުރޭ ވިދާޅުވިއެވެ.

ޖޭއެސްސީ އަކީ މިނިވަން ތަނެއް ނޫން ކަމަށާއި އެގޮތުން އެތަނަކީ އެމްޑީޕީގެ އެއް ޑިޕާޓްމެންޓް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އެގޮތުން އެ ޑިޕާޓްމެންޓް ހިނގަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބޭނުންފުޅުވާ ގޮތަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ނިންމާލާފައެވެ.

ޔާމީންގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މިއަދު އިއްވުމަށް ތާވަލްކޮށްފައިވާއިރު ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް މިހާރު ވަނީ އުފުލާފައެވެ.