Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު ކޮރޯނާ ވައިރަސް

އައިސީޔޫގައި 3، އަދި ވެންޓިލޭޓަރުގައި އެކަކު!

ވިލިނގިލީ ކޮވިޑް ފެސިލިޓީ - ފޮޓޯ: ފޭސްބުކް

ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ މީހުންގެ ތެރެއިން މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ ތިން މީހަކަށް ކަމަށާއި، އަދި އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޮސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް 79 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު. ޑރ. ނަޒްލާ ވިދާޅުވީ ދަރުމަންވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ދެމީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ވޯޑުގައި 64 މީހަކު އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށެވެ. އަތޮޅުތެރޭގެ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީގައި ހަތް މީހުން، ލ. ގަން ކޮވިޑް ފެސިލިޓީގައި ތިން މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.