Last Updated: April 19, 06:24
Friday, April 19, 2024
ޚަބަރު ޕޮލިސް

މިދިޔަ އަހަރު ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރު!

ފޮޓޯ: ސަން އޮންލައިން

ނިމުނު 2020 ވަނަ އަަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތައް 2019 ވަނަ އަހަރު ހުށަހެޅި މައްސަލަތަކާއި އަޅާބަލާއިރު މަދު ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ، ހިސާބަށް ބަލާއިރު 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 16482 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅިފައިވަނީ 12787 މައްސަލަ ކަމަށް މައުލޫމާތުދީފައިވެ އެވެ. އޭގެތެރެއިން މާލެ ސަަރަހައްދުން 8060 މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ އަހަރު އަތޮޅުތަކުން 4727 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް މައުލޫމާތުދެ އެވެ.

ފުލުހުން ބުނެފައިވަނީ ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާލާއިރު، ވައްކަމާއި މަސްތުވާތަކެއްޗާއި ފޭރުމާއި މާރާމާރީގެ މައްސަލަތަކުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި ޓްރެފިކްގެ މައްސަލަތައް މިދިޔަ އަހަރު ހުށަހެޅުނު އަދަދު މަދުވެފައިވާ ކަމަށެވެ. އެގޮތުން މާރާމާރީގެ 661 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 633 މައްސަލައެވެ. ވައްކަމުގެ 3581 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 2019 ވަނަ އަހަރު ހުށަހެޅިފައިވަނީ 4551 މައްސަލައެއް ކަމަށާއި، 2019 ވަނަ އަހަރު މަސްތުވާތަކެތީގެ 2186 މައްސަލައެއް ހުށަހެޅިފައިވާއި އިރު މިދިޔަ އަހަރު މަސްތުވާތަކެތީގެ 1425 މައްސަލަ ހުށަހެޅިފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހުށަހެޅުނު މިންވަރު އިތުރު!

ފުލުހުން ބުނެފައިވަނީ މިދިޔަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ބަދުއަހުލާގީ މައްސަލަތަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތަކާއި، ގެވެށި އަނިޔާގެ މައްސަލަތަކުގެ އިތުރުން ކައުންޓަރ ފީޑް ފޯޖަރީގެ މައްސަލަތަކާއި، މަކަރާ ހީލަތުގެ މައްސަލަތައް ހުށަހެޅުނު އަދަދު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ބަދުއަހުލާގީ މައްސަލަތަކުގެ 411 މައްސަލައެއް 2019 ވަނަ އަހަރު ފުލުހުންނަށް ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު 490 މައްސަލައެއް ހުށަހެޅިފައިވެއެވެ. ޖިންސީ ފުރައްސާރައިގެ 38 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު މިދިޔަ އަހަރު 72 މައްސަލައެއް ހުށަހެޅިފައިވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު 219 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ހުށަހެޅިފައިވަނީ 245 މައްސަލައެވެ. އަދި ކައުންޓަރ ފީޑް ފޯޖަރީގެ 87 މައްސަލައެއް 2019 ވަނަ އަހަރު ހުށަހެޅިފައިވާއިރު 108 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ. މަކަރާއި ހީލަތުގެ 498 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު 609 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅިފައިވެއެވެ.