Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ސިއްހީ ކުއްލި ހާލަތުގައި އިންތިހާބު ބޭއްވޭ ބިލު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުން އަވަސް ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ފާސްކޮށްފައިވަނީ 38 މެމްބަރުންގެ ވޯޓުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނުގައި މިއަހަރު މޭ 10 ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަންޖެހޭ ކަމަށް ބުނެފައިވާ މާއްދާ ވެސް ވަނީ އިސްލާހު ކޮށްފަ އެވެ. އެގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ޤާނޫނުގައިވާ ގޮތުގެމަތިން އިންތިޚާބު ބޭއްވުމަށް ހުރަސްއެޅޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ޤާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން ސަބަބު ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް އިލެކްޝަން ކޮމިޝަނުން އަންގަންވާނެ ކަމަށް ފާސްކުރި އިސްލާހުގައިވެ އެވެ.

ސަރުކާރުން ޤާނޫނަށް އިސްލާހު ހުށަހެޅި އިރު، އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގައި އިންތިހާބުގެ ކުރިން ކަނޑައަޅާފައިވާ މުއްދަތުތައް ކުރުކުރުމަށް އިސްލާހު ހުށަހެޅި އިރު ކޮމިޓީން ވަނީ އީސީގެ އެދުމަށް އެ މުއްދަތުތައް ކުރުކުރާ މާއްދާ އުވާލާފަ އެވެ.

ފާސްކުރި އިސްލާހުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020"އަށް ގެނެވޭ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި، އަލުން ފަށަންޖެހޭނެ ކަމަށެވެ.

އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން އަލުން ފަށަންވާނީ، އެކަންކަން ފެށުމަށް ދުރާލާ ތާރީޚެއް ކަނޑައެޅުމަށްފަހުގައި ކަމަށާއި އިންތިހާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅަންޖެހޭ އުސޫލްތައް، ކަނޑައަޅައި އެ ތާރީޚުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެކުލަވާލައި، އާންމު ކުރަންވާނެކަމަށް ވެސް ކޮމިޓީން ބިލަސް ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

މީގެއިތުރުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅަންޖެހޭ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވޭނެކަން ކަށަވަރުކުރަންވާނެ ކަމަށްވެސް ފާސްކޮށްފައިވާ އިސްލާހުގައިވެ އެވެ.