Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު ސިޔާސީ

އިދިކޮޅު މުޒާހަރާ ތެރެއިން އަދުރޭ އަދި ޝުޖާ ހައްޔަރުކޮށްފި

ފޮޓޯ: ކުރީގެ މެމްބަރު ރިފާއު/ޓްވިޓާ

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭގައި ކުރިއަށްގެންދާ އިހުތިޖާޖްގެ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އަދި ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރުމަށް ގޮވާލާ، އިދިކޮޅުން މާލޭގައި އިހުތިޖާޖު ކުރަމުން އަންނައިރު އިހުތިޖާޖްގެ ތެރެއިން ގިނަ ފަރާތްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އިދިކޮޅު ކޯލިޝަން ލީޑާޝިޕްގެ އިސް ފަރާތްތަކާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން އިދިކޮޅުގެ ބައެއް ސަޕޯޓަރުން ހިމެނޭ ގޮތަށް، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއް ނެތިކުރިއަށް ގެންދާ އިހުތިޖާޖްގެ ބައިވެރިން ފުރަތަމަ މިސްރާބު ޖަހާފައިވަނީ އިލެކްޝަންސްް ކޮމިޝަންގެ އޮފީހާއި ދިމާލަށެވެ. އަދި ފުލުހުން އެ ކަމަށް ހުރަސް އެޅުމުން އިތިހާބީ މަރުކަޒު ހުންނަ ބާ ޖަމާލުއްދީން ކައިރީގައި އިހުތިޖާޖް ކޮށްފައިވެ އެވެ.

އިހުތިޖާޖްގެ ބައިވެރިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުން އަންނައިރު، ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައިވާއިރު އެ ހުކުމް ބަލައި ނުގަނެ ސީދާ ހަރަކާތަށް ނިކުތުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ.