Last Updated: April 25, 11:51
Thursday, April 25, 2024
ޚަބަރު ޓެރަރިޒަމް

ހަރުކަށި ފިކުރުގެ ސަބަބުން ތިމަރަފުށީގައި ބިރުވެރިކަން!

ތ. ތިމަރަފުށި--

ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ތ. ތިމަރަފުށީގައި ބިރުވެރިކަން ފެތުރިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ތިމަރަފުށީގައި ރާވަމުން ދިޔަ ބޮމުގެ ހަމަލާއަކާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ނެރުނު ބަޔާނެއްގައި ފުލުހުން ބުނެފައިވަނީ، ތިމަރަފުށީގައި ހިންގި އޮޕަރޭޝަނުން ހަރުކަށި ފިކުރަށް މީހުން ލެންބުވުމަށް ކުރާ ގިނަ ކަންތައްތަކެއް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ހަރުކަށި ފިކުރު ގަބޫލުކޮށް އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ މަރުހަލާގައި ދީނީ އަޅުކަންތައް އާއްމު އުސޫލުންކުރުމަށް ބާރު އަޅައި ވާހަކަ ދައްކައި ދީނީ ކަންކަމަށް ޝައުގުވެރިކުރުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މިގޮތުން ނަމާދު ކުރަން ދިއުމަށް ބާރުއަޅައި، އެފަދައިން ނަމާދުކުރަން ދާންފެށުމުން މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި، ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަ ނުވާނެކަމަށްބުނެ އެފަރާތްތައް ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާކަން ފާހަގަކުރެވޭކަމަށެވެ. އަދި ދީނީގޮތުން ހިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކައި، ހަރުކަށި ފިކުރާ ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާ ހަވާލުކޮށް އެ ފޮތްތައް ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ހަމަ އެއާއި އެކު، މައިންބަފައިންގެ ބަސް ކޮންމެހެން ގަބޫލު ކުރަން ނުޖެހޭކަމަށް ބުނެ އެފިކުރު ގަބޫލުކުރާ މީހުން އެއީ އަހުންކަމަށް ދައްކައި އެގޮތަށް އުޅުމަށް ބާރު އަޅައި، އެހެން މީހުންނަކީ އިސްލާމްދީނުގައި ބަލައިގަންނަ ބައެއް ނޫންކަމަށް ބުނެ އެމީހުންނާ ދުރުވުމަށް ބާރުއަޅައި، މިފަދައިން ހައްލުވާލެވޭ ކުދިންނަށް އެކިގޮތްގޮތުން ފައިސާ ނުވަތަ ތަކެތި ދީގެން އެހީތެރިވެދީ، އެކުދިންގެ ހިތް އަނބުރާލުމަށް މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހަރުކަށި ފިކުރުގެ ހުރިހާ އަމަލުތަކަށް ތާއީދުކޮށް، ސުވަރުގެ ދިއުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ޖިހާދުކުރުންކަމަށް ދައްކުވައިގެން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަކުރުމަށް އެމީހުންނަށް ބާރުއަޅާކަން ވެސް ފާހަގަކުރެވިފައިވޭކަމަށެވެ.

ފުލުހުން ބުނެފައިވަނީ ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމުގެ ސަބަބުން ދަރިން މައިންބަފައިންނާ ވަކިވެ، ވަކިން އުޅެން ފަށައި، ބައެއް ފަހަރު މައިންބަފައިން ކާފަރުކޮށް، މައިންބަފައިން ގަތުލުކުރަން ޖެހޭކަމަށް ދެކި، އަހުންގެ ގޮތުގައި ދައްކައިދީފައިވާ ފަރާތްތަކަކީ ރަށުގެ އާއްމު އެހެން މީހުންނަށްވުރެ މުހިއްމު ބައެއްކަމަށްދެކެން ފަށައި، އާއްމުންނާ އޮންނަ ގުޅުން ކުޑަވެގެން ގޮސްފައިވާކަމަށެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އެރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރާކަން ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި އެރަށުގެ އާއްމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކިކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން އުފެދިފައިވާކަމަށްވެސް ބުނެފައިވެ އެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުންކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.