Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު ޕޮލިސް

ތަރުކާރީއާއި މޭވާ އެތެރެކޮށް ކުންފުނިތަކަށް ފައިސާ ނުދައްކާ މައްސަލަތަކެއް ފެންމަތިވެއްޖެ

މަކަރާއި ހީލަތުން ރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅެމުން ދިއުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ، މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާ ކަމަށާއި، އަދި މި ޖެނުއަރީ މަހުވެސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލަތަކާއި ގުޅިގެން މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގައި މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި ބަލައިފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ހޯދައިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނެފައިވަނީ މި ގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ހިލާފަށް ހެޔޮއަގަށް ވިއްކަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދުބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިތްވަރު ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކުރަމެވެ." ފުލުހުން ބުނެފައިވެ އެވެ.

އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިސާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމަކަށްވީހިނދު، ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.