Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު ސިޔާސީ

އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް--

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު "ރަނގަޅަށް ފިޓަށް ގޮށްސިކަން" ހާމަވާ ދުވަހެއް ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ޝަރީއަތާއި އަބްދުއްރަހީމްގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށެވެ.

އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހުކުމް ކުރުން ކުރިއަށްދިޔަ ދުވަހު، އެ ސަރަހައްދުގައި ހުރެ އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީއެވެ. އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެވެ.