Last Updated: May 19, 17:32
Sunday, May 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކުތުބުހާނާ ވަގުތީ ގޮތުން ބަންދުކޮށްފި

ޤައުމީ ކުތުބުހާނާ އަނެއްކާވެސް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ޤައުމީ ކުތުބުހާނާއިން ބުނެފައިވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން މިއަދުން ފެށިގެން ޤައުމީ ކުތުބުހާނާގެ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި ހިދުމަތްތައް ދޭންފަށާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އޮންލައިންކޮށްދެމުން ގެންދިޔަ ހިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ފުރަތަމަ ފެތުރެންފެށި އިރު ކުތުބާހާނާ ބަންދުކޮށްފައި ބެހެއްޓުމަށްފަހު ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ކުތުބުހާނާ ވަގުތީގޮތުން އަނެއްކާވެސް ބަންދުކޮށްފައިވަނީ ރާއްޖެއަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އައިސްފައިވާކަމަށް ޑޮކްޓަރުން ފާހަގަކުރަމުން އަންނަ ވަގުތެއްގައެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިން ދިނުމުގެ މަސައްކަތްވެސް އިއްޔެ ރާއްޖޭގައި ވަނީ ފަށާފައެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވުމަށްފަހު އަނެއްކާވެސް އަދަދުތައް ވަނީ މަތިވާންފަށާފައެވެ. އެގޮތުން ޕޮޒިޓިވްވާ އަދަދުތައް މިހާރު 100 އިން މަތީގައި އުޅޭއިރު، އިއްޔެ ވަނީ މި ބައްޔަށް ޖުމުލަ 215 މީހުން ޕޮޒިޓިވްވެފައެވެ.