Last Updated: May 19, 17:32
Sunday, May 19, 2024
ޚަބަރު ކޮރޯނާ ވައިރަސް

ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ވެކްސިން ދެނީ

ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާއިން ފެށިގެން ވެކްސިން ދޭން ފަށާނެކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވިވުމަށް ގެނެސްފައިވާ ވެކްސިން މިހާރު ޖަހަނީ މާލެސިޓީ، އައްޑޫސިޓީ އަދި ކުޅުދުއްފުށިސިޓީގައެވެ.

އެޗްއީއޯސީން ބުނެފައިވަނީ މަސައްކަތް ކުރަމުން އަންނަނަނީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތްތެރިންނަށް ވެކްސިންދީ ނިންމާލުމަށްކަމަށެވެ. އަދި މާދަމާއިން ފެށިގެން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެކްސިންޖެހުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ހުރިހާ ހެލްތް ސެންޓަރުތަކެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭނެކަމަށެވެ.

އިއްޔެ ރާއްޖޭގައި ވެކްސިންޖެހުމުގެ މަސައްކަތް ފަށާފައިވާއިރު، ދައުލަތުގެ ތިން ބާރުގެ އިސްވެެރިން ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި ސިއްހީ ހިދުމަތްތެރިްނނާއި އެކި ދާއިރާތަކުން އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ވަނީ ވެކްސިން ޖައްސަވާފައެވެ.

ރާއްޖެއަށް ގެނެސްފައިވަނީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެ ގެނެސްފައިވާއިރު، އިތުރު ވެކްސިން އަންނަ މަހު ގެނެވޭނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ފައިޒާ-ބަޔޯއެންޓެކް އިން ތައްޔާރުކުރި ކޮވިޑް19 ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.