Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ފަތުރުވެރިކަން

ރިސޯޓު މުވައްޒަފުންނަށް މާދަމާ ވެކްސިން ދޭން ފަށަނީ

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ފެބްރުއަރީ 4 ވަނަ ދުވަހު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދޭންފަށާނެކަމަށެވެ. މިނިސްޓަރު މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުން އަވަސް ކުރެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ވިދާޅުވެފައިވަނީ ދުނިޔޭގައި ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލަށް ރާއްޖެވާނެ ކަމަށެވެ.

ރާއްޖޭގައި ކޮވިޑު ވެކްސިން ދިނުމަށް ރަސްމީކޮށް ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ފާއިތުވި ދެ ދަވަހު ރާއްޖެއިން 880 މީހަކަށް ވަނީ ކޮވިޑު ވެކްސިން ދީފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

ރާއްޖެއަށް ވަނީ ކޮވިޑް ވެކްސިންގެ 100،000 ޑޯޒް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާއިން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.