Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ރޭގަނޑު 10:30 އާ ހަމައަށް

މާލެ ސަރަހައްދުގައި ބަސް އަދި ފެރީގެ ހިދުމަތްތައް ދޭނީ ރޭގަނޑު 10:30 އާ ހަމައަށް ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނައިރު، ރޭގަނޑު 11:00 އިން ފެށިގެން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، ކާފިއުގެ ވަގުތު 11:00 އަށް އޮތުމުން މާލެ ސަރަހައްދުގައި ބަސް އަދި ފެރީގެ ހިދުމަތް ދެވޭނެ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް ދެވޭ ބަސް އަދި ފެރީގެ ހިދުމަތް ރޭގަނޑު 10:30 ގައި ހުއްޓާލާނެކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލޭން ވިލިމާލެއަށް ދަތުރުކުރާ އެންމެ ފަހު ފެރީ އޮންނާނީ ރޭގަނޑު 10:30 ގައި ކަމަށާއި، އަދި ވިލިމާލޭން މާލެއަށް އެންމެ ފަހު ފެރީ ނައްޓާލާނީ ރޭގަނޑު 10:30 ގައި ކަމަށެވެ.

މީގެއިތުރުން ކާފިއު ހިންގާފައިވާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ކުރަން ޖެހޭ ދަތުރުތަކަށް ކޮންމެ ޓެކްސީ ސެންޓަރަކަށް 10 ހުއްދަ ދޫކުރެވިފައިވާ ކަމަށާއި، އެ ގަޑިތަކުގައި މަގުމަތީގައި ދުއްވޭނީ އެ ހުއްދަ އޮތް ޓެކްސީތަކަށް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

ފެނާއި ގޭސް ޑެލިވަރީކޮށްދޭ ކުންފުނިތަކަށް، ރޭގަނޑު 11:00 އާ ހަމައަށް އެ ހިދުމަތް ދިނުމަށް ދެ އުޅަނދަކަށް ހުއްދަ ދޫކުރެވިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ކާފިއު ވަގުތުގައި ސެކިޔުރިޓީ ބަލަހައްޓާ ފަރާތްތަކާއި، ޑިޔުޓީ އަދާ ކުރާ މުވައްޒަފުންނަށް، އެކަން އަންގައިދޭ ލިޔުމެއް ނުވަތަ ފާހެއް ދޫކުރުމަށް ވަޒީފާދޭ ފަރާތްތަކުގެ ކިބައިން ފުލުހުން ވަނީ އެދިފައެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްފައި ތިބޭ މީހުންގެ އެހީތެރިންނަށް ހޮސްޕިޓަލްގެ ލިޔުމެއް ނުވަތަ ކާޑެއް އޮތް ނަމަ، ކާފިއު ގަޑީގައި ހޮސްޕިޓަލަސް ދިއުމަށް ހުރަހެއް ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.