Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

އައްޑޫގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް އޮތް ހަމަސް ތެރޭ ފެށޭނެ: ރައިސް ސޯލިހު

އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) އާއި އެކު، ރާއްޖޭގެ އުތުރާއި ދެކުނުގައި ދެ ސިޓީ ތަރައްޤީ ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި. ފޮޓޯ: އައްޑޫލައިވް/ޝަރަފް

މި ސަރުކާރުން އައްޑޫއަށް ވެފައިވާ ވައުދުތަކުގައި ހިމެނޭ ގިނަ މަޝްރޫއުތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ އައްޑޫގެ ތަރައްޤީ އާއި ގުޅޭ ގިނަ މަސައްކަތްތަކެއް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެކަމަށެވެ. މީގެ އިތުރުން އައްޑޫގެ މަގު ހަދަން މި މަހު ބަޔަކާއި ހަވާލު ކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ގިނަ މަޝްރޫއުތައް މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފެށުމަށް މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫ ސިޓީއަށް ގިނަ ކަންތަކެއް ކޮށްދެއްވާނެކަމަށް ރައިސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފައެވެ. "އައްޑޫ ވައުދުނާމާ" ގެ ނަމުގައި އައްޑޫއަށް ވަކިން ހާއްސަ މެނިފެސްޓޯއެއް ރައީސް ސޯލިހު އެކުލަވާލެއްވިއެވެ. އޭގައި ހިމެނިފައިވަނީ އައްޑޫގެ މަގު ހެދުމާއި، އެއާޕޯޓު ތަރައްޤީ އާއި ބިން ހިއްކުމުގެ އިތުރުން ހިތަދޫ ސަރަހައްދީ ބަނދަރު ތަރައްޤީ ކުރުމާއި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކެވެ. މީގެ އިތުރުން ފަތުރުވެރިކަން ތަރައްޤީ ކުރުނުް ހިމެނެއެވެ.

2019 ވަނަ އަހަރު ބޭއްވުނު މަޖްލިސް އިންތިހާބުގެ ކެމްޕެއިންއަށް ރައީސް ސޯލިހު އައްޑޫއަށް ވަޑައިގެން އައްޑޫގައި ފަސް ބިލިއަން ރުފިޔާގެ މަޝްރޫއު މި ފަސް އަަހަރު ތެރޭ ހިންގަވާނެކަމަށް ވަނީ ވައުދުވެފައެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާން އޭރު ވިދާޅުވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އަދި ފެށިފައި ނުވެއެވެ.