Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑްގެ ހާލަތު ގޯސްވާތީ މިސްކިތްތަކުގެ އިމާމުންނާއި ބައްދަލުކޮށްފި

ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ މިސްކިތްތަކުގެ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދުތައް ދިނުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިމާމުންނާއި ބައްދަލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި ބައްދަލުވުމުގައި މިސްކިތްތަކަށް ނަމާދަށް ދާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮަތަށް ޢަމަލުތައް ބެހެއްޓުމަށް އާއްމުންނަށް އިތުރަށް ނަސޭހަތްތެރިވުމަށް އިމާމުންނަށް އަންގާފައިވާކަމަށެވެ.

މިގޮތުން ހުރިހައި ބޭފުޅުންވެސް މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް އަޅުއްވައި އަދި މުސައްލައެއް ހިއްޕަވައިގެން ވަޑައިގަތުމަށް ކުރިއަށްވުރެ ބޮޑަށް ބާރު އެޅުމަށްވަނީ އަންގާފައިވާކަމަށް މައުލޫމާތުދީފައިވެއެވެ. އަދި އާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައި ބޭފުޅުންވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށް އަންގާފައިވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ،

ހަމައެހެންމެ މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭ އާއި ގުޅިގެން ކުރަމުންދާކަން ހުރިހައި އިމާމުންނަށް އަންގާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.