Last Updated: May 7, 20:25
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

އިމާމުންނަށް ކޮވިޑް ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖައްސަނީ

ވެކްސިން ޖެހުން ކުރިއަށްދަނީ - ފޮޓޯ: ރައީސް އޮފީސް

މިސްކިތްތަކުގެ އިމާމުންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ މިއަދު އިމާމުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، މިސްކިތްތަކުގެ އިމާމުންނަށް ވެކްސިން ޖެހުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭ އާއި ގުޅިގެން ކުރަމުންދާކަމަށެވެ.

ރާއްޖެއިން މިހާތަނަށް 6000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ 2575 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 6854 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 5588 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 1266 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މާލޭ ސަރަހައްދުގެ ހަ ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، އަތޮޅުތެރޭގެ 14 ތަނަކުން ވެކްސިން ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.