Last Updated: April 24, 18:07
Wednesday, April 24, 2024
ޚަބަރު އިލެކްޝަން ކޮމިޝަން

ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް އެޗްޕީއޭއަށް އީސީގެ މައްޗަށް ނޭންގޭނެ: އީސީ

ހަބީބް އަދި ޝަރީފް. ފޮޓޯ: އަވަސް

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ބާއްވަންޖެހޭ ގޮތާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް އިރުޝާދު ނުދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ އިލެކްޝަންސްގެ ޤައުމީ ލަފާދޭ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ، އިންތިހާބުގެ ކަންކަމާއި ގުޅޭގޮތުން އެޗްޕީއޭއާއި އެކު ދިޔަ ބައްދަލުވުންތަކުގައި ގައިޑްލައިންގެ ޑްރާފްޓް އޮތް ގޮތާއި މެދު ތިބީ ހިތްހަމަ ޖެހިފައިކަމަށާއި އެއީ އޭރު އޮތްގޮތުން އިޚްތިޔާރުތަކެއް އީސީއަށް ލިބިދޭތީ ކަމަށެވެ. އެހެންނަމަވެސް ގައިޑްލައިން ގެޒެޓް ކުރެވިގެންއައި އިރު އެޗްޕީއޭއިން އޮތީ ގައިޑްލައިންގެ ތެރެއިން އީސީގެ މައްޗަށް އަމުރެއް ކޮށްފައި ކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ޕާޓީތަކަށް ހަމަހަމަ ކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު އެޗްޕީއޭގެ ގައިޑްލައިންއިން ތެރެއިން ނުލިބޭކަމަށެވެ. އިންތިހާބާއި ގުޅިގެން އީސީގެ ފްރަންޓްލައިންގައި ގިނަ މުވައްޒަފުންތަކެއް ހަރަކާތްތެރިވާނެ ކަމަށާއި، އެހެންނަމަވެސް މިހާތަނަށް އައި އިރުވެސް އެ މުވައްޒަފުންނަށް ވެކްސިން ލިބިފައިނުވާކަމަށެވެ. އަދި މުވައްޒަފުންނަށް ވެކްސިން ދިނުމުގެ ކަންކަމުގައި އެޗްޕީއޭއަށް ދަންނަވާފައިވާކަމަށާއި، އެހެންނަމަވެސް އަލިމަގެއް ފެނިފައިނުވާކަމަށް ހަބީބް ވިދާޅުވިއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވީ ޤާނޫނުން އީސީގެ މައްޗަށް ލާޒިމުކުރާކަންކަން އެޗްޕިއޭއިން އީސީގެ މައްޗަށް އެހެން ގޮތަކަށް ލާޒިމުކޮށްފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނެ އެޗްޕީއޭއަކަށް އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަންޖެހޭ ގޮތުގެ މައްޗަށް އިރުޝާދުދެއްވިދާނެ ކަމަކަށް." ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ ވަކިކަމެއް ވަކި ގޮތަކަށް ކުރުމަށް އެޗްޕީއޭއަށް އީސީގެ މައްޗަށް ނޭންގޭނެކަމަށެވެ. އަދި އެގޮތަށް އެޗްޕީއޭއިން އަންގަން ބޭނުންވާކަމުގައި ވާނަމަ ޖެހޭނި ކޮމިޝަންގެ ޤާނޫނާއި ޤާނޫނުއަސާސީވެސް އިސްލާހުކުރަން ކަމަށް ހަބީބް ވިދާޅުވިއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އިސީގެ ނައިބު ރައީސް ހަބީބް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުން އީސީގެ މިނިވަންކަން ގެއްލޭކަމަށެވެ. އަދި ގޮންޖެހުން މިހާރު އޮތީ އެޗްޕީއޭގެ ގައިޑްލައިން އޮތްގޮތުންކަމަށްވެސް ވިދާޅުވިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އީސީން ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކޮށް ހަބީބް ވިދާޅުވީ އިންތިހާބު އެ ތާރީހުގައި ބޭއްވުމަށް ނިންމާނީ ޕާޓީތަކާއި ކެނޑިޑޭޓުންނަށް ހަމަހަމަކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބޭނަމަ ކަމަށާއި، އަދި އިތުރަށް ބޭނުންވާ ބަޖެޓްވެސް ހަމަޖެހޭނަމަ ކަމަށެވެ.