Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު ޕޮލިސް

އުދައްޔު މަރާލުން: ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތު ޖަހައިފި

ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި 17 އަހަރު ޒުވާނަކު މަރާލި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދު މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

މާރާމާރީގައި މަރާލާފައިވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔުއަށެވެ. މާމެންދޫ މާރާމާރީގައި ގްރޫޕަކުން ހަމަލާދީފައިވަނީ އުދައްޔު އާއި އޭނާގެ އޭނާގެ އެއްބަޑު އެއްބަފާ ބޭބެޔަށެވެ. މި ހާދިސާގައި އުދައްޔު މަރުވެފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި މާރާމާރީ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރާއި، 23 އަހަރު އަދި 18 އަހަރުގެ މީހުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ، މި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި، އަދި އެކަކަށް 10 ދުވަހުގެ މުއްދަތު ދީފަިއވާކަމަށެވެ. އަދި މިމާރާމާރިއާއި ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި އުދައްޔުގެ ހަށިގަނޑު ރޭ މާލެ ގެނެސްފައިވާކަމަށާއި، ޕޯސްޓްމޯޓެމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ.