Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

އެމްޑީޕީ މީހުންނަށް ވެސް މި ސަރުކާރު ކަމަކު ނުދޭ: އާދަމް ޝަރީފް

މެމްބަރު އާދަމް ޝަރީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ މީހުންނަށް ވެސް މި ސަރުކާރު މިހާރު ކަމުނުދާ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި އާދަމް ޝަރީފް ވިދާޅުވީ މިއަދަކީ ބޮޑު ދުވަހެއް ކަމަށާއި އެގޮތުން މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވާ އެއްވުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ސަރުކާރުން ދެކިިގެން ނުވާނެ ކަމަށެވެ. އެގޮތުން މިއަދު އިދިކޮޅުން ނިކުންނަނީ ސަރުކާރުގެ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާކަން ސީދާ ސަރުކާރަށް އެންގުމަށްޓަކާ ކަމަށާއި އަމާޒަކީ މިއަދުގެ އެއްވުމުން ސަރުކާރަށް ވަރުގަދަ ރައްދެއް ދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އަދި މި ސަރުކާރު ބަދަލުކުރަން ނިކުންނަން މިހާރު ވެއްޖެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަދަލުކުރަން ބޭނުންވާ މީހުން އެމްޑީޕީގައި ވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ސަރުކާރު ބަދަލުކުރަން ނިކުންނަން ވެއްޖެ. ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަދަލުކުރުމަށްޓަކާ ބޭނުންވާ އެތައް ބަޔަކު ރާއްޖޭގައި މިއަދު އެބަތިބި. އެމްޑީޕީގައި ވެސް އެބަތިބި. އެމްޑީޕީ މީހުންނަށް ވެސް މިހާރު ކަމަކު ނުދޭ މި ސަރުކާރެއް" ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، މިއަދުގެ އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީދު 04:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށެވެ.

މިއަދުގެ އެއްވުމަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް "މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި ކުރިއަށްގެންދާ އެއްވުމެއް ކަމަށްވެސް ޕީޕީއެމްއިން މައުލޫމާތުދެއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި އިދިކޮޅުން އެއްވުންތައް ބާއްވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.