Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

އިދިކޮޅު މުޒާހަރާ ތެރެއިން ފުލުހުންނާއި އާއްމުންނަށް އަނިޔާ

"މަގޭ ފްލެޓު ކޮބާ؟" ނަމުގައި މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އާއްމުންނާއި ފުލުހުންނަށް އަނިޔާވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މި އެއްވުމަކީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެކެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި އިދިކޮޅުން ގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސްއެޅުމުން ފުލުހުންނާއި އާއްމުންނާއި ދެމެދު ވަނީ ކުރިމަތިލުން ހިނގާފައެވެ. އަދި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ކަރުނަ ގޭސް ޖަހާފައެވެ. ނަމަވެސް މުޒާހަރާގެ ބައެއް ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވައި ވަދެގަންފައެވެ. އެގޮތަށް ވަދެގަތުމުން ބައެއް ފުލުހުން ވެއްޓި އަނިޔާތަކެއް ވަނީ ލިބިފައެވެ.

މިއަދުގެ މުޒާހަރާގެ ތެރެއިން މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ގެއަށް ބަދަލުކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ.