Last Updated: May 8, 02:23
Tuesday, May 7, 2024
ޚަބަރު ކޮރޯނާ ވައިރަސް

ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލު ކަނޑައެޅުމަށް ހާއްސަ ބިލެއް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން-- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދޭ ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހެޅުމަށް ނިންމާފައިވާ ބިލްތަކުގެ މައުލޫމާތު ބަންޑާރަނައިބުގެ އޮފީހުން ހައްސާކޮށްފައިވާއިރު، އޭގެތެރޭގައި 33 ބިލެއް ހިިމެނެއެވެ. އޭގެތެރޭގައި "ކޮވިޑް ވެކްސިން ދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލު" ހިމެނެއެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ، ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ލިބޭނެކަން ކަށަވަރު ކުރެވިފައިވާކަމަށާއި، އެންމެހައި ދިވެހިންނަށާއި، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް، ކޮވިޑް ވެކްސިން ހިލޭ ޖަހައިދޭނެ ކަމަށެވެ. އަދި ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން މިހާތަނަށް 33،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ 5717 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 33،106 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 27،065 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 6041 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.