Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު ޝަރުއީ ދާއިރާ

ޖަމީލުގެ ޝަކުވާ: މަގާމުން ދުރުކުރީ ދިފާއުވާނެ ފުރުސަތު ނުދީ!

އިތުބާރު ނެތްކަމުގެ ވޯޓުނަގާ ނައިބު ރައީސްގެ މަޤާމުން ދުރުކުރީ ޤާނޫނުއަސާސީން ލިބިދޭ ދިފާއުވުމުގެ ފުރުސަތު ނުދީކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރުގެ ޕީޕީއެމް މެޖޯރިޓީ މަޖިލީހުން، ޖަމީލް ނައިބު ރައީސްގެ މަޤާމުން ދުރުކުރި މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ޑރ. ޖަމީލް ވަނީ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ, ކޮންމެ މީހަކަށްވެސް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ހަމަހަމަ ކަމާއި އެކު ލިބިދޭންޖެހޭނެ ކަމަށެވެ. މައްސަލައެއް ބަލާކަމުގައި ވާނަމަ، އަދި އެއީ އިމްޕީޗް ކުރުމުގެ މައްސަލައެއް ނަމަވެސް އިޖުރާއީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާންޖެހޭނެ ކަމަށާއި، އެހެންނަމަވެސް އެފުރުސަތުވެސް އޭނާއަށް ލިބިފައިނުވާކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް މަގާމުން އަޒުލުކުރާއިރު ދިފާއުވުމުގެ ފުރުސަތު އޮންނަކަމަށާއި އެހެންނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ޖަވާބު ދާރީ ވުމަށް ވަކީލެއްގެ ފުރުސަތު ދިނުމުން މަހުރޫމް ކޮށްފައިވަނީ ޤާނޫނުއަސާސީއާއި ހިލާފަށްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ނަމަވެސް ނުވަތަ އެހެންތަނެއް ނަމަވެސް ކަންކަން ކުރަންޖެހޭނީ ޤާނޫނުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭނާގެ ފަރާތުން ދިޔަ ވަކީލަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދިންކަން ފާހަގަކޮށް ޖަމީލް ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ މަޖިލީހުގައި ކަންހިނގާ ދިޔަގޮތާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ.

"އެދުވަހު ބަހުސްގައި ވަނީ ތަފާތު ވާހަކަތަކެއް. އެއްވެސް މީހަކަށް ނައިބުރައީސް ނާޤާބިލުވި ކަމެއް ބުނެއެއް ނުދެވުނު. އެދުވަހު ކަންހިނގިގޮތަށް ބަލާއިރު، 1. ބަހުސްގައި ވަކީލަށް ފުރުސަތު ދެވޭނީ ނައިބުރައީސާއި އެކުގައި ކަމަށް ކަނޑައެޅުނު. ބޭނުމަކީ ވަކީލެއްގެ ފުރުސަތު ނުދިނުންކަން ސާފު." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ އޭނާ މަގާމުން ދުރުކުރި މައްސަލައިގައި މަޖިލީހުން އޭނާގެ މައްޗަށް ކުރި ތުހުމަތެއް ނެތް ކަމަށާއި، އަދި ކުރި ތަހުގީގެއްވެސް ނެތްކަމަށެވެ. އޭނާއަށް ދިފާއުވުމުގެ ފުރުސަތު މަޖިލީހުން ނުދީ މަގާމުން ދުރުކުރިއިރު، މަޖިލީހުގެ ގަވައިދުވެސް ބަދަލުކޮށްފައިވަނީ އޭނާ މަގާމުން ދުރުކުރުމުގެ ގޮތުން ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށްވެސް ޤާނޫނުއަސާސީގެ އިޖުރާއަތުތައް ދޫކޮށްނުލެވޭނެ ކަމަށާއި، "ޑިއު ޕްރޮސެސް"އަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހަށްވެސް ޤާނޫނުއަސާސީއާއި ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މައްސޫލިޔަތަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސައްކަތްތައް ކުރުންކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ އޭނާ މަޤާމަށް ނާޤާބިލުކަމަށް ބުނެ އޭރުގެ ރައީސް ޔާމީން އެއްވެސް ސިޓީއެއްވެސް މަޖިލީހަށް ފޮނުވާފައިނުވާކަމަށެވެ.

"… ނާޤާބިލުވިކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް އެއްވެސް ސިޓީއެއް، ލިޔުމެއްވެސް ފޮނުވިކަން ބަހުސުން އެނގެން ނެތްއިރުގައި ދައުލަތުގެ އެހެން ފަރާތަކުން، އެ މައްސޫލިޔަތު އަދާނުވާކަމަށް ކަނޑައެޅެން ނޯންނާނެކަން، އިއްޒަތްތެރި ފަނޑިޔާރު އަޅުގަނޑު ފާހަގަކުރަން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މަޖިލީހުން އޭނާ މަގާމުން ދުރުކުރުމުގައި ކަންތައް ކޮށްފައިވަނީ ދިވެހި ދުސްތޫރީ ހަޔާތުގައި ނުދެކޭފަދަ މިންވަރަކަށް ޤާނޫނީ ރައްކާތެރިކަން ނިގުޅައިގަނެގެންކަމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ދެން ބާއްވާ އަޑުއެހުމެއްގައި މައްސަލައިގައި ނިންމުމުގެ ގޮތުން ދެފަރާތަށްވެސް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.