Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޑރ. ޖަމީލް ޔާމީންގެ ވަކީލުންގެ ޓީމުން ބޭރުކުރަން ޝުޖާ ގޮވާލައިފި

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބޭރުކުރަން ޕީއެންސީގެ ނައިބް ލީޑަރ އިބްރާހިމް ޝުޖާ ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީ އިސްބޭފުޅުން ހިމެނޭ ވައިބަ ގްރޫޕެއްގައި ޝުޖާ ވިދާޅުވީ އެއްފަހަރު ރައީސް ޔާމީންގެ ދިފާއުގައި މަސައްކަތް ކުރުމަށްފަހު އަނެއް ފަހަރު ރައީސް ޔާމީން ތިމަންނާއަށް އަނިޔާ ކުރިއޭ ކިޔައި ކޯޓަށް ދިއުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫންކަމަށެވެ.

" ތީމުގޭ ހައި ކޯޓުގެ ފުރާޅުދަށުގައި ހުރެ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަފުޅު ދައްކާފައި، ޖެހިގެން ހުރި ފުރާޅުގެ ދަށައް ވަދެ އަޅުގަނޑަށް ކުރީ އަނިޔާއޭ އޭރުގެ ރައީސް ބުނީމާ މިކަން ދެކޮޅު ނުޖެހޭ، ވިސްނާދޭން އުޅުނަސް ނުވިސްނޭ، ނުވެސް ވިސްނޭނެ" ޝުޖާ ވިދާޅުވިއެވެ.

ޝުޖާ ވަނީ މިކަން ރައީސް ޔާމީންއަށް ހުށަހެޅުމަށް ޕީއެންސީގެ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ އަށް ދަންނަވާފައެވެ.

ޝުޖާ ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާއިރު ޖަމީލްގެ އިތުރުން އިތުރު ލޯޔަރުން ލުމަށް ރައީސް ޔާމީނުއަށް ދެންނެވުމަށް އަބްދުއް ރަހީމުއަށް ދަންނަވާފައެވެ.

ޝުޖާ ޑރ، ޖަމީލަށް ފާޑު ވިދާޅުވެފައިމިވަނީ އެމަނިކުފާން ނައިބް ރައީސްކަމުން ބޭރުކުރި މައްސަލައިގެ އަޑުއެހުމެއް އިއްޔެ ސުްޕްރީމް ކޯޓުގައި ބޭއްވިއިރު އެމަނިކުފާބް މަޤާމުން ދުރުކުރީ ޤާނޫނުއަސާސީން ލިބިދޭ ދިފާއުވުމުގެ ފުރުސަތު ނުދީކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާތީއެވެ.

ޑރ. ޖަމީލް ވިދާޅުވީ, ކޮންމެ މީހަކަށްވެސް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ހަމަހަމަ ކަމާއި އެކު ލިބިދޭންޖެހޭނެ ކަމަށެވެ. މައްސަލައެއް ބަލާކަމުގައި ވާނަމަ، އަދި އެއީ އިމްޕީޗް ކުރުމުގެ މައްސަލައެއް ނަމަވެސް އިޖުރާއީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާންޖެހޭނެ ކަމަށާއި، އެހެންނަމަވެސް އެފުރުސަތުވެސް އޭނާއަށް ލިބިފައިނުވާކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާއި ނައިބުރައީސް މަގާމުން އަޒުލުކުރާއިރު ދިފާއުވުމުގެ ފުރުސަތު އޮންނަކަމަށާއި އެހެންނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ޖަވާބު ދާރީ ވުމަށް ވަކީލެއްގެ ފުރުސަތު ދިނުމުން މަހުރޫމް ކޮށްފައިވަނީ ޤާނޫނުއަސާސީއާއި ހިލާފަށްކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ނަމަވެސް ނުވަތަ އެހެންތަނެއް ނަމަވެސް ކަންކަން ކުރަންޖެހޭނީ ޤާނޫނުތަކާއި ހަމަތަކާއި އެއްގޮތަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭނާގެ ފަރާތުން ދިޔަ ވަކީލަށް މަޖިލީހަށް ވަނުމުގެ ފުރުސަތު ނުދިންކަން ފާހަގަކޮށް ޖަމީލް ވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ މަޖިލީހުގައި ކަންހިނގާ ދިޔަގޮތާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ.

"އެދުވަހު ބަހުސްގައި ވަނީ ތަފާތު ވާހަކަތަކެއް. އެއްވެސް މީހަކަށް ނައިބުރައީސް ނާޤާބިލުވި ކަމެއް ބުނެއެއް ނުދެވުނު. އެދުވަހު ކަންހިނގިގޮތަށް ބަލާއިރު، 1. ބަހުސްގައި ވަކީލަށް ފުރުސަތު ދެވޭނީ ނައިބުރައީސާއި އެކުގައި ކަމަށް ކަނޑައެޅުނު. ބޭނުމަކީ ވަކީލެއްގެ ފުރުސަތު ނުދިނުންކަން ސާފު." ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އޭނާ މަގާމުން ދުރުކުރި މައްސަލައިގައި މަޖިލީހުން އޭނާގެ މައްޗަށް ކުރި ތުހުމަތެއް ނެތް ކަމަށާއި، އަދި ކުރި ތަހުގީގެއްވެސް ނެތްކަމަށެވެ. އޭނާއަށް ދިފާއުވުމުގެ ފުރުސަތު މަޖިލީހުން ނުދީ މަގާމުން ދުރުކުރިއިރު، މަޖިލީހުގެ ގަވައިދުވެސް ބަދަލުކޮށްފައިވަނީ އޭނާ މަގާމުން ދުރުކުރުމުގެ ގޮތުން ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށްވެސް ޤާނޫނުއަސާސީގެ އިޖުރާއަތުތައް ދޫކޮށްނުލެވޭނެ ކަމަށާއި، "ޑިއު ޕްރޮސެސް"އަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އަދި މަޖިލީހަށްވެސް ޤާނޫނުއަސާސީއާއި ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސްގެ މައްސޫލިޔަތަކީ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ މަސައްކަތްތައް ކުރުންކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ އޭނާ މަޤާމަށް ނާޤާބިލުކަމަށް ބުނެ އޭރުގެ ރައީސް ޔާމީން އެއްވެސް ސިޓީއެއްވެސް މަޖިލީހަށް ފޮނުވާފައިނުވާކަމަށެވެ.