Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ރައީސްގެ ތަރުޖަމާން

ފުރިހަމަ ތަރައްޤީއެއް ގެނައުމަށް އެމްޑީޕީއަށް ދެ ދައުރު ލިބެންޖެހޭ: މަބްރޫކް

ފުރިހަމަ ތަރައްޤީއެއް ރާއްޖެއަށް ގެނައުމަށް ވެރިކަމުގެ ދެ ދައުރު އެމްޑީޕީއަށް ލިބެންޖެހޭކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ ރާއްޖޭގެ ކަންތައް މިހާރު ހިނގާގޮތުން ތަރައްޤީގެނައުމަށް ލަސްތަކެއް ހުރިކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ގާއިމް ކުރެވުނު ފަހުން އެއްވެސް ވެރިއަކަށް ވެރިކަމުގެ ދެ ދައުރު ލިބިފައި ނުވާއިރު މިއީ ތަރައްޤީގެ ކަންކަން ހާސިލް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކުގެ މިވާހަކަތަކަށް މިސާލު ދެއްކެވީ އެމެރިކާއިންނެވެ. އެގޮތުން ފަހުގެ ތާރީހެއްގައި އެމެރިކާއަށް އެންމެ ބޮޑު ބަދަލެއް ގެނައި ބޭފުޅަކީ ބަރަކު އޮބާމާކަން ފާހަގަކުރައްވައި އެމަނިކުފާންގެ ވެރިކަމުގެ ފުރަތަމަ އަހަރު މާ ބޮޑު ތަރައްޤީއެއް ނުގެނެވުނުކަން ފާހަގަ ކުރެއްވިއެވެ. އަދި އެކަމާއި ގުޅިގެން އޮބާމާއަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވިކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވެރިކަމުގެ ދެވަނަ ދައުރާއި އެކު އޮބާމާ ބޮޑު ކާމިޔާބީތަކެއް ހޯއްދެވި ކަން މަބްރޫކު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ރައީސްކަމުގެ ދެ ދައުރު ފުރިހަމަކޮށްގެން ނޫނީ ތަރައްޤީ އެންމެ ފުރިހަމަގޮތުގައި ނުގެނެވޭނެ. އަޅުގަނޑުމެންނަށް މިއަދު މިފެންނަނީ އެންމެ ދިގު މުއްދަތަކަށް ވެސް ވެރިކަމުގައި ހުންނެވުނީ 5 އަހަރަށްކަން. މި ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރު ވެރިކަމުގެ ސިސްޓަމްއަށް އަހުލުވެރިވުމަށް ނަގާއިރު ފަހު އަހަރު ކެމްޕޭންކުރުމަށް މިދެނީ. ޑެލިވަރީއަށް ދޭ މުއްދަތު ވަރަށް ކުޑަ އެހެންނޫންތޯ؟" މަބްރޫކު ވިދާޅުވިއެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ވާދަކުރައްވާނެތޯ ސުވާލު ކުރެއްވުމުން މަބްރޫކު ވިދާޅުވީ އެކަން އެނގިވަޑައިގަންނަވާނީ ކުރިއަށްއޮތް އަހަރެއްހާ ދުވަހު ކަންތައް ހިނގާ ގޮތުން ކަމަށެވެ.

ރައީސް ސޯލިަށް ތައުރީފު ކުރައްވައި މްބަރޫކު ވިދާޅުވީ އެމަނިކުފާނަކީ ދުރުވިސްނޭ އެންމެންނާއި މަޝްވަރާއަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށެވެ.