Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު ކޮވިޑު ވެކްސިން

އިތުރު 100،000 ޑޯޒުގެ ކޮވިޑް ވެކްސިން މިހަފްތާ ތެރޭގައި ގެންނަނީ

އިތުރު 100،000 ޑޯޒުގެ ކޮވިޑް ވެކްސިން މިހަފުތާގައި ރާއްޖެއަށް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ހުރިހާ" އަށް ދިން އިންޓަވިއުއެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ މިހާރު ޖަހަމުން އަންނަ އޮކްސްފޯޑް އެސްޓްރާޒެނެކާ ކޮވިޑް ޝީލްޑް ވެކްސިންގެ އިތުރު 100،000 ޑޯޒު މިމަހު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަ ކޮވިޝީލްޑް ވެކްސިން ހުސްވުމުގެ ކުރިން އިތުރު ވެކްސިންތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ޑރ ޝާހް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދީފައެވެ. އެޗްޕީއޭ އިން ބުނީ އިއްޔެ 6230 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 50،047 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން މިހާތަނަށް 39،309 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 10،159 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.