Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު ކޮރޯނާ ވައިރަސް

ވެކްސިން ޖެހިފަހުން ބައެއް މީހުން ޕޮޒިޓިވް ވެފައިވޭ: ޑރ. ނަޒްލާ

ކޮވިޑް-19 އަށް ރައްކާތެރިވުމަށްޖަހާ ވެކްސިން ޖެހިފަހުންވެސް ބައެއް މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށާއި، ވެކްސިން މަސައްކަތް ކުރުމަށް ވަގުތު ނަގާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ވެކްސިން ޖަހާތާ ފަސް ދުވަސް ފަހުންވެސް ބައްޔަށް ޕޮޒިޓިވްވާ މީހުން އެބަތިބި ކަމަށެވެ.

"އެއީ އަސްލު ވެދާނެ އޭނަ ކުރިން ވައިރަސްއަށް ހުށަހެޅިފައި ހުރީމަ ޕޮޒިޓިވްވީކަން ނޫނީ ވެކްސިން ޖެހުމަށްފަހުވެސް އެ ފައިދާ ލިއްބައިދިނުމުގެ ފަހުންވެސް ޕޮޒިޓިވްވެދާނެ." ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުން ބަލިން ރައްކާތެރިވީ ނޫންކަމަށާއި، އޭގެ ފަހުންވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ. އަދި ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ބަލި ޖެހުމުގެ ފުރުސަތު 70 އިންސައްތަ ކުޑަކޮށްދޭނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެހެންވެ އަސްލު އެހާ މުހިންމީ ވެކްސިން ޖެހިޔަސް، މާސްކު އެޅުމާ ގައިދުރުމިނާއި، މި ކަންތައްތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް." ޑރ. ނަޒްލާ މުސްތަފާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ 6171 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 56،218 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 43،838 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 12،380 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.