Last Updated: May 7, 11:50
Tuesday, May 7, 2024
ޚަބަރު އައްޑޫ

އައްޑޫ މަގު ހެދުމާ ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

އައްޑޫސިޓީގެ މަގު ހެދުމުގެ އެއްބަސްވުމުގައި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފިއެވެ.

އައްޑޫ މަގުހެދުމުގެ މަޝްރޫއުގައި ސޮއި ކޮށްފައިވަނީ އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރަ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، މަގުހެދުމުގެ މަޝްރުއުއަކީ 1.19 ބިލިޔަން ދިވެހި ރުފިޔާގެ މަޝްރޫޢުއެކެވެ.

730 ދުވަހުން ނިންމުމަށް ކަނޑައެޅިފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި މަސައްކަތް ޙަވާލުވި އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ރަވީ ޕްރަކާޝްއެވެ.

މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނޭޅި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮޖެކްޓު ނިމުމުން މަގުތަކުގައި ފެންބޮޑުވުމާއި، މަގުތައް ހަލާކުވުމުގެ މައްސަލަ އަށް ހައްލެއް ލިބޭނެ ކަމަށް ބެލެވެއެވެ. އަދި މިވަގުތު އައްޑޫގައި އޮތް ލިންކްރޯޑު ފުޅާކޮށް، އެ މަގަށް ގެންނަންޖެހޭ ބަދަލުތައް ވެސް މި ޕްރޮޖެކްޓުގެ ތެރެއިން ގެންނަން ވަނީ ނިންމާފައެވެ.