Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު އައްޑޫ

އައްޑޫގެ ތަރައްޤީއާ އެކު ރާއްޖޭގެ އިގްތިސާދު ފުޅާވާނެ: ފައްޔާޒް

އައްޑޫސިޓީގެ ތަރައްޤީއާއި އެކު ރާއްޖޭގެ އިގްތިސާދު ފުޅާކުރަން މަގުފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އައްޑޫގެ މަގުތައް ތަރައްޤީކުރުމާއި ދެވަނަ ލިންކްރޯޑެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު އެންމެ މުހިންމު އިސްކަމެއް ދެއްވާފައިވަނީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށްކަމަށެވެ. އަދި އޭގެތެރެއިން ވެސް އިގްތިސާދު ފިންދަފާތު ކުރުމަށް ރައީސް ސޯލިހް ހާއްސަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ސޯލިހް އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާ އިގްތިސާދީ މަސައްކަތަކީ ރާއްޖެގެ އުތުރާއި ދެކުނު އިގްތިސާދުގެ މައި ހަބުތަކުގެ ގޮތުގައި ތަރައްގީ ކުރުންކަން ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒް ވިދާޅުވީ އައްޑޫސިޓީގެ ތަރައްޤީއަށް މަގުޗާޓެއް ކުރެހި އޭގައިވާ ގޮތާއި އެއްގޮތަށް މަސައްކަތްކުރަމުން އައިސްފައިވާކަމަށެވެ. އަދި މިއަދު ސޮއި ކުރެވުނު އެއްބަސްވުމާއި އެކު އެކަންކަން ިތުރު ހަރުފަތަކަށް ދާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އަދި ވިދާޅުވީ އައްޑޫސިޓީގެ ތަރައްޤީއާއި އެކު ރާއްޖޭގެ އިގްތިސާދު ފުޅާކުރަން މަގުފަހިވާނެ ކަމަށް އުންމީދުކުރާކަމަށެވެ.

މީގެއިތުރުން އައްޑޫސިޓީގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރާނެ މަޝްރޫއުތަށް އަންނާނެކަމަށާއި، އަދި އައްޑޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއުވެސް ކުރިއަށް އޮތްކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

އިންޑިޔާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫ ސިޓީގެ ފެންހިންދާ ނިޒާމާއިއެކު، އައު ދެވަނަ ލިންކް ރޯޑެއް ޤާއިމުކުރުމާއި، މަގުހެދުމުގެ މަޝްރުއުއަކީ 1.19 ބިލިޔަން ދިވެހި ރުފިޔާގެ މަޝްރޫޢުއެކެވެ.

މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނޭޅި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.