Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު ޝަރުއީ ދާއިރާ

9 ކިލޯ ޑްރަގް މައްސަލަ: އަރުޝަދު ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

އަރުޝަދު ހާލިދު---ފޮޓޯ: ފުލުހުން

ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކޮށްފައިވާ އަރުޝަދު ހާލިދުގެ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ޖަނަވަރީ 31، 2020 ފެށިގެން ހަތެއް ފެބްރުވަރީ 2020 އާ ހަމައަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަންތަކެއްގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން 10 ގެއަކާއި ވެހިކަލްތަކެއް ބަލައިފާސްކޮށް ނުވަ ކިލޯ ހެރޮއިންއާއި، ހަތަރު ގްރާމް ކޮކޭން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ލިބިފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންވަނީ އަތުލައިގެންފައެވެ.

މި މައްސަލައިގައި ދުވާ ކޮށްފައިވަނީ، ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ، އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި ލ. ކަޅައިދޫ މަތަރެސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މއ. ވައިލެޓްމާގޭ، އަސްލަމް ނާޒިމެވެ. އެ މީހުންގެ މައްޗަށް ކުރަނީި ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނެރުނު އަމުރު މުރާޖާ ކުރުމަށްފަހު ކްރިމިނަލް ކޯޓުން އަރުޝަދު ބަންދުން ދޫކޮށްލާފައިވަނީ ފެބްރުއަރީ 17 ވަނަ ދުވަހުއެވެ. އަރުޝަދު ބަންދުން ދޫކޮށްލި މައްސަލަ، ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. މި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ފުލުހުން މީގެ ކުރިން މައުލޫމާތުދީފައިވެއެވެ.