Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އެޗްޕީއޭގެ ސަބަބުން ރައްޔިތުންގެ ކަންކަން ވަނީ ބޮއްސުންލާފަ: ސަލީމް

މެމްބަރު އަހުމަދު ސަލީމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް މެނޭޖް ކުރުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން މަޖިލީހުގައި އިއްވި ބަޔާނުގައެވެ.

އެގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް އިއްވި ބަޔާން ފަައްޓަވަމުން ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ. ސަލީމް ވިދާޅުވީ، އިދިކޮޅު ސިޔާސީޕާޓީގެ ލީޑަރަކީ ސަރުކާރު ޒިންމާދާރު ކުރުމުގައި ރައްޔިތުންނާއި އެކު މަސައްކަތްކުރަން ހުންނަނެޖެހޭ ފަރާތް ކަމަށާއި، އެހެންނަމަވެސް މިސަރުކާރުން ރައީސް ޔާމީން ޖަލަށް ލާފައިވާކަމަށެވެ. ރާއްޖޭގައި މިހާރު ވެރިކަން ކުރމަުން އަންނަނީ އިދިކޮޅޫ ސިޔާސީ ލީޑަރު ނުހައްޤުން ޖަލުގައި ބަންދުކޮށްގެންކަން ފާހަގަކޮށް ސަލީމް ވިދާޅުވެފައިވަނީ، އިދިކޮޅު ސިޔާސީ ލީޑަރު ޖަލަށްލައިގެން ވެރިކަން ކުރުމަކީ ހުދުމުހުތާރު ކަމާއި އަނިޔާވެރިކަމުގެ ސިފައެއް ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ކޮވިޑާއި އެކު ސަރުކާރުން ވަނީ ރައްޔިތުންގެ ހުރިހާ ކަމެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ހަވާލުކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންކަން ބޮއްސުންލާފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.

"ކޮވިޑް އައުމާއި އެކު ސަރުކާރުން ވަނީ އެޗްޕިއޭއަށް ރައްޔިތުންގެ ހުރިހާ ކަމެއް ދޫކޮށްލާފަ. މިހެން ވުމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ހުރިހާ ކަމެއް މިވަނީ ބޮއްސުންލާފަ." ސަލީމް ވިދާޅުވިއެވެ.

މި ސަރުކާރުން އެޗްޕީއޭގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލާފައިވާކަމަށާއި، އަދި އެ އިދާރާ ސިޔާސީ ކޮށްފައިވާކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަތޮޅު ތެރޭގައި ކޮވިޑް ފެތުރުނީ ސަރުކާރުން އަތޮޅުތެރެއަށް ދަތުރުކުރުމުގެ ސަބަބުންކަމަށެވެ. އަދި ކޮވިޑް މެޖޭން ކުރުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮވިޑް ތެރޭގައި ހިންގި ކޮރަޕްޝަނަށް ސަރުކާރުން ދިނީ ބީރު ކަންފަތެއް ކަމަށާއި، އެކަންކަން ތަހުގީގެއް ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަމުގެ ސަބަބުން ސަރުކާރުން ކޮރަޕްޝަނަށް ދީފައިވާ ޒީރޯ ޓޯލަރެންސް ސިޔަސަތު ފެއިލް ވެފައިވާކަން ހާމަވާކަމަށެވެ.

ކޮވިޑްގެ ތެރޭގައި ގިނަ ޒުވާނުންގެ ވަޒީފާ ގެއްލުނުކަން ފާހަގަކޮށް ސަލީމް ވިދާޅުވީ ވަޒީފާ ގެއްލުނު ފަރާތްތަކަށް ވަޒީފާ އަނބުރާ ލިބޭނެކަން ކަށަވަރު ކުރުމަށް އެއްވެސް ކަމެއް ސަރުކާރުން ކޮށްފައެއް ނުވާކަމަށެވެ. އަދި އިޤްތިސާދު ސިންދަފާތު ކުރާނެ ގޮތެއް ވެސް ބަޔާންކޮށްފައެއް ނުވާ ކަމަށާއި، ސަރުކާރުން ވަނީ ރިކޯޑް އަދަދަކަށް ލޯނު ނަގާފައި ކަމަށެވެ.

ސަލީމް ވިދާޅުވީ ނިމުނު އަހަރު ޤައުމު ހިންގީ ރައްޔިތުން އިންތިހާޞު ކުރި ސަރުކާރުން ނޫން ކަމަށާއި، ޤައުމު ހިންގާފައިވަނީ އެޗްޕިއޭއިން ކަމަށެވެ.