Last Updated: April 27, 06:00
Saturday, April 27, 2024
ޚަބަރު ލޯކަލް ކައުންސިލް އިންތިހާބު

ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އީސީން އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކަށް ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ހޯދައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގައި އެދިއްޖެ އެވެ.

އީސީއިން އެޗްޕީއޭއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމަށެވެ.

އީސީގެ ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ގުޅިގެން ޤާއިމުކޮށްފައިވާ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށައަޅާފައިވާ ޝަކުވާތަކާ ގުޅިގެން ކުރެވުނު ތަޙްޤީޤުގައި، ކޯވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަދިނުމުގައި ތަފާތު ކުރުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ކޯވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ދަތުރުފަތުރު ކުރުމުގެ ހުއްދަދިނުމުގައި ތަފާތު ކުރުންތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އަދި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިން، ރަސްމީ ދަތުރުތަކުގައި ރަށްރަށަށްގޮސް، އިންތިޚާބަށް ކުރިމަތިލާފައިވާ ބައެއް ފަރާތްތަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އީސީގެ ސިޓީގައިވެއެވެ.

އެހެންކަމުން ހުރިހާ ކެންޑިޑޭޓުންނަށާއި، ހުރިހާ ޕާޓީތަކަށް އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބު ބޭއްވުމަށްޓަކައި ހަމަހަމަ ފުރުސަތު ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގަންނަވާކަމަށް އިސީން އެޗްޕީއޭއަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ފަސްކޮށްފާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންގެ ސަބަބުން ބޮޑެތިދަތިތަކެއ ްހުރިކަމަށް އީސީން އަންނަނީ ބުނަމުންނެވެ.