ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން މަގާމުން ދުރުކުރި މުހައްމަދު ޒާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފިއެވެ.
ޒާހިދު އީސީގެ ކޮމްޕަލެއިންސް ބިއުރޯގެ ހެޑަކަށް ހަމަޖައްސާފައިވަނީ ފެބްރުއަރީ މެދުތެރޭގައެވެ.
އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވީ ޒާހިދު ކޮމްޕްލެއިންސް ބިއުރޯއަށް އައްޔަނުކޮށްފައިވާ މައްސަލަ މަޖިލީހުގެ ގިނަ މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ ޒާހިދު އެ މަގާމުން ވަކިކޮށްދިނުމަށް އީސީއަށް ދެންނެވުމަށެވެ. އެގޮތުން ޒާހިދުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމުން ރައްޔިތުންނާއި ނުހަނު ގުޅުންއޮތް ތަނެއްގައި ބަހެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވަނީ މި މައްސަލައިގައި އީސީގެ މެމްބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށްވެސް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުން ޒާހިދު އެޗްއާރްސީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވަނީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ތަކުރާރުކޮށް ދޮގު މައުލޫމާތުދިން މައްސަލަ އާއި ބްލޮގަރ ޔާމިނު ރަޝީދުގެ މަރުގެ މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅި މައްސަލައާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ބެލުމުގައި އިހުމާލުވި މައްސަލަ މައްސަލައިގައެވެ. ރައްޔިތުންގެ މަޖިލީހުން ޒާހިދު އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.