Last Updated: May 16, 13:02
Thursday, May 16, 2024
ޚަބަރު ޝަރުއީ ދާއިރާ

138 މިލިއަން ދައްކަން ކުރި ހުކުމް ބާތިލުކޮށްފި

ޓަގް ބޯޓެއް ބަނުމުގެ މައްސަލައެއްގައި ސެންޓާ އެންޓަ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން 138.9 މިލިއަން ރުފިޔާގެ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ސިވިލް ކޯޓުން 2016 ވަނަ އަހަރު އެމްޕީއެލްގެ މައްޗަށް 138.9 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައިވަނީ ސެންޓާ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން އެމްޕީއެލްއިން ބަން ޓަގުބޯޓެއްގެ އަގު ނުދެއްކުމުގެ އަރާފައިވާ ޖޫރިމަނާގެ ގޮތުގައެވެ.

އެ މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ 01 އޯގަސްޓް 2012 ގެ ފަހުން ސެންޓާ އެންޓާ ޕްރިސަސް އިން ހުށަހަޅާ އިންވޮއިސްއަކަށް، އެމްޕީއެލް އިން ފައިސާ ދައްކަން ނުޖެހޭނެކަމަށް ކަނޑައަޅައި، ޚުޞޫމާތް އުފެދިފައިވާ ސެންޓާ އެންޓާ ޕްރައިސަސްގެ އިންވޮއިސްއަކީ އެތާރީހުގެ ފަހުގެ އިންވޮއިސްއެއް ކަމުގައިވުމުން އެއިންވޮއިސްގެ ހަތެއްގެ ދަށުން ޝަރީއަތުން ފައިސާ ނަގައިނުދެވޭނެކަމުގެ މައްޗަށް ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން ހޯދުމަށް އެދިފައި ވަނީ ވެސް ހަމަ އެ އިންވޮއިސްގެ ދަށުން 30 އޮކްޓޯބަރު 2012 އިން ފެށިގެން 04 އޮކްޓޯބަރު 2015 ގެ ނިޔަލަށް ހިނގާފައިވާ މުއްދަތަށް އަރާފައިވާ ޖޫރިމަނާގެ ފައިސާ ކަމަށާއި ދެ މައްސަލައިގައި ވެސް ހިމެނެނީ އެއް އިންވޮއިސްއެއް ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާއާއި، ފަނޑީޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަލީ ސަމީރެވެ.