Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސަރުކާރު ނުވެއްޓި އޮތީ އެޗްޕީއޭގެ ސަބަބުން: އަދުރޭ

އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ޕީޕީއެމް

މި ސަރުކާރު ނުވެއްޓި މިހާރު އޮތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސަބަބުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭން ރީ ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އިދިކޮޅުން އިންތިހާބުގެ ކެމްޕެއިން ފެށުމަށް ފުރަތަމަ ބޭއްވި ޖަލްސާ އިން ފެނުނު މަންޒަރުތަކުން ސަރުކާރަށް ކެތް ނުކުރެވުނު ކަމަށާއި އޭގެފަހުން އެކި ކަންކަން ކުރިމަތިކުރަމުން އަންނައިރު ކޮވިޑް-19 އަކީ ސަރުކާރު ދަމަހައްޓަން ބޭނުންކުރާ ހަތިޔާރަކަށް ހަދާފައިވާ ކަމަށެވެ.

"އޭގެ ފަހުން ތަފާތު ގައިޑްލައިންތައް ނެރެން ފެށީ. އޭގެ ފަހުން އެޗްޕީއޭއަކީ މި ސަރުކާރުގެ ވިއްދާފައި ހުރި މުޑިގަޑަކަށް ހެދީ. މި ސަރުކާރު މިހާރު ނުވެއްޓި މިއޮތީ އެޗްޕީއޭގެ ސަބަބުން" އަދުރޭ ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ކެމްޕެއިން ކުރުމަށް ވެސް ފުރުސަތު ނުދޭ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވާނެ މާޙައުލެއްވެސް ނެތް ކަމަށެވެ. އެގޮތުން ކެމްޕެއިން ކުރަން ރަށްތަކަށް ނުދެވޭކަން ފާހަގަކުރައްވަމުން އަދުރޭ ވަނީ ކެންޑިޑޭޓުންނާ ބައްދަލުކުރަން ރަށްރަށަށް ދާން ބޭނުންވި ނަމަވެސް ސަރުކާރުން އެ މަގު ފަހިކޮށްދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މި އިންތިހާބު ދެކެ ވަރަށް ބިރު ގަންނަ ކަމަށާއި ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިކުރުވި ނަމަވެސް އިދިކޮޅުގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ.