Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު ސިޔާސީ

އަދީބާއި ޒިޔަތު ގޭގައި ތިބީ ރައީސް ޔާމިނާ ދެކޮޅަށް ހެކިބަސްދިނުމުން: ޑރ. ޖަމީލް

ކުރީގެ ނައިބު ރައީސް ޖަމީލް - ފޮޓޯ: ޕީއެސްއެމް

އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިއުތިރާފްވެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭގައި ތިބީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން ދިން ހަދިޔާއެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައިތިބީ އެމީހުންގެ ސިއްހީ ހާލަތު ހުރިގޮތުން ޑޮކްޓަރުންގެ ފަރާތުން ލިބެންޖެހޭ ލިޔެކިޔުންތައް ލިބުމުންކަމަށެވެ. އަދި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ރައީސް ޔާމީންގެ ލިބިފައި ނެތްކަމަށް ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ މި ވާހަކަތަކަށް ރައްދު ދެއްވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަދީބާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސް ސޯލިހް ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުން ފަދަ ކަމެއްކަމަށެވެ.

"އެނޫން ބަޔަކު ނެތީތޯ ޑޮކްޓަރުންގެ ލިޔުން ލިބޭނެ؟" ޑރ. ޖަމީލް ސުވާލު ކުރައްވާފައިވެއެވެ.

ޑރ. ޖަމީލް ވިދާޅުވީ އަދީބާއި ޒިޔަތު ގޭގައި ތިބީ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދިނުމުން އެކަމުގެ އިނާމެއްގެ ގޮތުގައި ކަމަށާއި، އަދި އެކަމުގެ ހެކި އެބަހުރި ކަމަށެވެ.

އަދި ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ޤަބޫލެއް ނުކުރި ކަމަށް ޖަމީލް ވިދާޅުވިއެެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައަށް އަދީބާއި ޒިޔަތު އިއުތިރާފްވެފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އެ ހިޔާނާތާއިގުޅޭ ތަހުގީގުތައް އަންނަނީ ހިންގަމުންނެވެ. އަދި އޭގެތެރެއިން ބައެއް ރަށްރަށުގެ މައްސަލައިގައި ވަނީ ދައުވާވެސް އުފުލާފައެވެ.