Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު ކޮވިޑު ވެކްސިން

ހޯމަ ދުވަހުން ފެށިގެން ވެކްސިން ފުރަތަމަ ޑޯޒް ދޭނީ ވަކި ބަޔަކަށް

ރާއްޖޭގައި ޖަހަނީ "ކޮވިޝީލްޑް" ވެކްސިން -- ފޮޓޯ: މިހާރު

ހޯމަ ދުވަހުން ފެށިގެން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާނީ ވަކި ބަޔަކަށް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

މިމަހުގެ 15 ވާ ހޯމަ ދުވަހުން ފެށިގެން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ނިންމާލުމަށް ވަނީ ނިންމާފައެވެ.

އެޗްއީއޯސީން ބުނެފައިވަނީ، މާލެ ސަރަޙައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން އަންނަ ހޯމަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާގޮތަށް ނިންމާފައިވީ ނަމަވެސް މިތާރީހުގެ ފަހުން ވެކްސިން ގެ ފުރަތަމަ ޑޯޒް ޖަހާނީ ވަކި ބަޔަކަށް ކަމަށެވެ.

އެފަރާތްތަކަކީ:

1- ބަލިން ރައްކާތެރިކުރުމަށް ޚާއްޞަ އިސްކަމެއް ދޭ ފަރާތްތައް (އުމުރުން ދުވަސްވީ މީހުންނާއި ބަލިތަކުގައި އުޅޭ މީހުން)

2- ޕޮސިޓިވްވެ މިހާރު އެކަހެރިވެފައިވާ މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)

3- ކޮންޓެކްޓަށްވެ ކަރަންޓީންގައި ތިބި މީހުން (އެމީހުންނަށް ވެކްސިންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއްދަތުގައި)

4- ރާއްޖެއިން ބޭރުން ދަތުރުކުރުމަށްފަހު ކަރަންޓީންގައި ތިބި މީހުންނާއި މާލެއިން ދަތުރުކުރުމަށްފަހު ކަރަންޓީނުގައި ތިބި މީހުން

5- ބައްޔެއްގެ ސަބަބުން، ޞިއްޙީ ޙާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަންޖެހުނު މީހުން

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި ދެ ޑޯޒް ހަމަކުރާ ފަރާތްތަކަށް ދޭނޭ ލުއި ތަކާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން މަޝްވަރާ ކުރަމުން އަންނަކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔަ 9781 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 4459 މީހަކާއި އަތޮޅުތެރެއިން 5322 މީހަކު ކަމަށެވެ. އަދި މުޅި ޖުމްލަ 175،456 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން މިހާތަނަށް ޖުމްލަ 99،821 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 75،635 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.