Last Updated: April 23, 12:01
Tuesday, April 23, 2024
ކޮލަމް ސިޔާސީ

ކައުންސިލް އިންތިހާބު: ސަރުކާރަށް ތާއީދު އޮތްމިންވަރު ދެނެގަތުމުގެ އިމްތިހާނެއް!

އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ލޯކަލަ ކައުންސިލް އިންތިހާބަކީ އަހަރު ދުވަހުގެ އިންތިޒާރުގެ ނިމުމެވެ. ސިޔާސީ ގޮތުން ޤައުމުގެ ހާލަތު ވަޒަން ކޮށްލަންލިބޭ ވަރަށް ވެސް މުހިންމު ފުރުސަތެކެވެ. ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްމިންވަރު ދެނެގަތުމަށް އަދި އިދިކޮޅަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބަލާލުމަށް ލިބޭ މިޑް-ޓާމް އިލެކްޝަނެކެވެ.

މި އިންތިހާބަކީ އެމްޑީޕީއަށް ޖެހިޖެހިގެން 3 މޮޅުވެ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އާ ރިކޯޑެއް ޤާއިމު ކުރުމަށް ލިބޭ ފުރުސަތެކެވެ. ނުވަތަ މިއީ އިދިކޮޅަށް ރާއްޖޭގެ މެޖޯރިޓީ ހޯދުމަށް, ރާއްޖޭގެ ބޮޑެތި ސަރަހައްދު ތަކުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް ހޯދުމަށް ލިބޭ ފުރުސަތެކެވެ.

ވާދަވެރި އިންތިހާބަކަށް ވާނޭ މި ކައުންސިލް އިންތިހާބަށް ސަރުކާރާއި އިދިކޮޅުން އަންނަނި ކެމްޕެއިން ކުރަމުންނެވެ. ސުވާލަކީ މި އިންތިހާބަކީ އެމްޑިޕީއަށް ކިހާ ފަސޭހަވާނޭ އިންތިހާބެއްތޯއެވެ؟ މީގެ ކުރިން ބޮޑެތި ސަރަހައްދުތަކުން ހޯދަމުން އައި މެޖޯރިޓީ އެމްޑީޕީއަށް ދެމެހެއްޓިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

ސިޓީތަކަށް ކުރިމަތިލާފައި ތިބި ފަރާތްތަކަށް ސަރުކާރު މޮޅު ކޮށްދެވޭނެތަ؟

މާލެސިޓީ, އައްޑޫސިޓީ, ފުވައްމުލައްސިޓީ އަދި ކުޅުދުއްފުށި ސިޓީ އަކީ މޭޔަރުން އިންތިހާބު ވާނޭ ދާއިރާތަކެވެ. މިތަންތަނަކީ އެމްޑީޕީގެ މެޖޯރިޓީ އޮތް ތަންތަނެވެ. މި އިންތިހާބުގައި އެކަން ދިފާއު ކުރުން އެމްޑީޕީއަށް މަޖުބޫރެވެ. އެހެންނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވަކި މަދެއްވެސް ނޫނެވެ.

މާލޭ ސިޓީ އާއި އައްޑުސިޓީއަކީ ފެށުނީއްސުރެވެސް އެތަންތަނުގެ މެޖޯރިޓީ އެމްޑީޕީން ނަގަމުން އައިސްފައިވާ ތަންތަނެވެ. މި ދެ ސިޓީ އެމްޑީޕީ ނޫން މޭޔަރަކު އަދި ދެކިފައިވެސް ނުވެއެވެ. މި އިންތިހާބުގައި މާލޭސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އަލްހާން ފަހުމީއެވެ. އަނަސްއަށް ކުރިމަތިލާންޖެހިފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިކަމުގެ ފުލް އެޑްވަންޓޭޖް ޑރ. މުއިއްޒު ނަންގަވައެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ފަހުން ވަކިން ބަލާލާނަމެވެ.

އަނަސް އަކީ މަޑުމައިތިރި ބޭފުޅެއް ނަމަވެސް, އަދި ސިޔާސީ ކަންކަމުގައި ބަސްމަދު ބޭފުޅެއްނަމަވެސް އިލްމީ ޤާބިލު ފަރާތެއްކަމާއި މެދު ސުވާލެއް ނެތެވެ. އެހެންނަމަވެސް އަނަސްގެ މިބުނާ ސިފަތަކަކީ މާލޭ މޭޔަރުކަން އެމްޑީޕީއަށް ދިފާއުކުރުމަށް ހުރި ހުރަހެއްކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ޑރ. މުއިއްޒަކީ ވަކީ މާލޭ ރައްޔިތުންގެ. މެދުގައި މަޤުބޫލު ބޭފުޅެކޭ ބުނެވޭކަށް ނެތެވެ. ހާއްސަކޮށް މިނިސްޓަރު ކަމުގައި ހުރެ ސިޓީ ކައުންސިލާއި މެދު އަމަލުކުރި ގޮތުން މުއިއްޒުގެ ތާއީދު މާބޮޑުވާނެ ކަމަކަށް ނުފެނެއެވެ.

އެމްޑީޕީ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސްއަށް ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ބޯހިޔާވަހިކަމުގެ މައްސަލައާއި މި ކޮވިޑްގައި ވިޔަފާރިތަކަށް ކުރިމަތިވި ދަތިހާލެވެ. އެހެންނަމަވެސް އެމްޑީޕީ އަކީ އަބަދުވެސް އިންތިހާބުތަކުގައި ދޫދިނުމެއް ނެތި ވަރުގަދަ ކެމްޕޭނެއްކޮށް ބޮޑު ތަފާތެއް ދައްކާ ބަޔެކެވެ.

ދެން އޮތީ އައްޑޫ ސިޓީއެވެ. ދައުލަތުގެ ސިޔާސީ މަތިފަޑީގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ފަރާތެއް ހިމެނިފައި ނެތުމަކީ އެމްޑީޕީއަށް ފާޑުކިޔުން އަމާޒުވީ ކަމެކެވެ. އަބަދުވެސް އެމްޑީޕީއަށް މެޖޯރިޓީ އޮތް އައްޑޫސިޓީގައި މި ވެރިކަން ފެށުނުއިރު ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް މިކަމުގެ ސަބަބުން ހުރިކަމަސް ޤަބޫލުކުރެވެއެވެ. އެހެންމަވެސް ސަރުކާރުން އެންމެ އިސްކަމެއްދީގެން ތަރައްޤީ ކުރާ އެއްސަރަހައްދުގެ ގޮތުގައި އައްޑޫ މިއަދު ވނީ ހަދާފައެވެ. 2012 އިން 2019 އަށް މެދުކެނޑިފައި އޮތް އައްޑޫގެ ތަރައްޤީ ބާރު ސްޕީޑެއްގައި ހިންގާލީ މި ސަރުކާރުންނެވެ. އެހެންކަމުން އައްޑޫގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުން އުނދަގޫ ކަމަކަށް ނުދެކެމެވެ. ކުޅުދުއްފުށިސިޓީ ވެސް ހަމަ މިހެންނެވެ. މިހާރު ވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް މި ސިޓީގައި އެންމެ ފުރަތަމަ އިންތިހާބުކުރާ މޭޔަރަކީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތަކަށްވަނޭ ކަމަށް ގިނަ ފަރާތްތަކަކުން ދެކެވެ. ދެކުނުގެ މައި ހަބެއްގެގޮތުން އައްޑޫސީޓީ ތަރައްޤި ކުރަމުން އަންނަގޮތަށް ސަރުކާރުން އުތުރުގެ މައި ހަބެއްގެ ގޮތުގައި ތަރައްޤިކުރަމުން އަންނަނީ ކުޅުދުއްފުއްޓެވެ. އެހެންކަމުން ކުޅުދުއްފުށީގެ ވެސް މެޖޯރިޓީ އެމްޑީޕީއަށް ލިބޭނޭކަމަށް ގިނަ ފަރާތްތަކަކުން ދެކެވެ.

ފުވައްމުލަކުސިޓީވެސް ހަމަ މިހެންނެވެ. ކޮވިޑް-19ގެ ތެރޭގައި ވެސް ހުއްޓުމެއް ނެތި އެންމެ ބާރަަށް މަސައްކަތްތައް ކުރިއަށްގެންދިޔަ އެއްތަނަކީ ފުވައްމުލަކެވެ. ފުވައްމުލަކު ބޭރުމަގު ތަރައްޤިކުރުމާއި އިތުރު މަގުތަކުގަިއ ތާރުއެޅުމުގެ އިތުރުން ހައްލުނުލިބިފައި އޮތް ނަރުދަމާގެ މައްސަލައަށް ހައްލު ހޯދާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަން ނަސީމް އެރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ފުވައްމުލަކުގެ ގިނަ މަޝްރޫއުތަކެއްގައި ނައިބު ރައީސްގެ ހިއްސާ ބޮޑު އިރު މި އިންތިހާބު ގައި ފުވައްލުމަކު ސިޓީންގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން ގާތެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނެތް!

މިސަރުކާރުން މި އިންތިހާބުގައި ކުރިމަތި ލާންޖެހޭނެ އެންމެބޮޑު ފާޑުކިޔުމަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. އެއްވެސް ވެރިކަމަކަށް ފުރިހަމަ ހައްލެއް ހޯދައި ދެވިފައިނުވާ މި މައްސަލައަށް މިސަރުކާރުގެ ވައުދުތަކެއް ހުއްޓެވެ. އިންތިހާބާއި މިހާ ކައިރިކޮށް, މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭން ބިން ހިއްކާނެ ވާހަކައާ ދެންވެސް ހުރި މަޝްރޫއުތުގެ ވާހަކަ ދެއްކުމުންވެސް ކުރިމަތިވާ ފާޑުކިޔުން ވަކި މަދެއްނޫނެވެ.

މި އިންތިހާބު އެމްޑީޕީއަށް އެންމެ އުނދަގޫވާނީ މިދިޔަ ސަރުކާރުން ބޮޑުބައި ނިންމާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ލިސްޓުގެ މައްސަލައެވެ. މިހާރުވެސް އެހާ މައްސަލަބޮޑު ހިޔާ ފްލެޓްތަކުގެ މައްސަލައަކީ އެމްޑީޕީއަށް މި އިންތިހާބުގައި ކުރިމަތިވާނޭ އެންމެބޮޑު ގޮންޖެހުމެވެ. އަދި އަމިއްލަ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެންނަން ނެތުމަކީ ވެސް އެމްޑީޕީއަށް މި އިންތިހާބު އުނދަގޫވާނެ ވަރަށްބޮޑު ސަބަބެކެވެ.

މަސްވެރިންގެ ޝަކުވާތައް އިންތިހާ!

މިރާއްޖޭގައި އެންވެސް ވެރިކަމަކަށް މަސްވެރިންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެގެން އިންތިހާބެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިސަރުކާރާއި މެދު މަސްވެރިންތިބީ ހިތްހަމަޖެހިފައި ކަމަށް ބުނެވޭކަށް ނެތެވެ. ވާހަކަދެއްކާލެވޭ ކޮންމެ މަސްވެރިއެއްގެ ފަރާތުންވެސް އިވެނީ ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުމެވެ. މަސްކިރުމަސް ގިނަ އިރުވާ ވާހަކައާއި, ކިރާ މަސްކޮޅަށް ހަމަ އަގުނުލިބޭ ވާހަކައާއި ކިރާ މަސްކޮޅަށް ވަގުތުން ފައިސާ ނުލިބޭ ވާހަކައެވެ.

މިސަރުކާރުން މަސްވެރިކަމުގެ ޤާނޫނުހަދާ މަސް އެކްސްޕޯޓް ކުރުމަށްހުރި ހުރަސްތައް ނައްތާލާ, މަހުގެ އަގު އިންޓަނޭޝަނަލް ބާޒާރުގައި ހުންނަ މިންވަރަށް ބަދަލުކޮށް ގިނަ މަސައްކަތްތަކެއް ކޮށްފިއެވެ. ކަރުދާހުން ގިނަ ބަދަލުތަކެއް ގެނެސްފިއެވެ. އެހެންނަމަވެސް މަސްވެރިން ބުނަނީ އެމީހުންނަށް ލިބުނު ފަސޭހައެއް, އެމީހުންނަސް ވީމޮޅެއް މިކަމުން ނެތްކަމަށެވެ.

މަސްވެރިންގެ ހިތްނުރުހި ތިބި މި މިޑް-ޓާމް އިންތިހާބަށް ސަރުކާރުން ކުރިމަތިލުމަކީ ވަރަށްވެސް ބޮޑު ނުތަނަވަސް ކަމެކެވެ. އަދި ވަކިން ހާއްސަކޮށް އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރުމަކީ ބޮޑު ގެންޖެހުމަކަށް މިކަންވާނެއެވެ.

ކޮވިޑްގައި ޖެހި ސަރުކާރަށް ކުރިމަތިވާ ފާޑުކިޔުން!

މިދިޔަ އަހަރު އެއްކޮށް ކޮވިޑްގައި ދިޔައިރު މިއީ ވަކިބަޔަކުގެ ސަބަބުން ވީކަމެކޭ ނުބުނެވޭނެއެވެ. އެހެންމަވެސް ކޮވިޑްގެ ތެރޭގައި ހިނގާދިޔަ ކަންކަމާއި އަދި މިހާރުވެސް އެޗްޕިއޭގެ ބައެއްކަންކަން ހުރިގޮތުން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރުން އަމާޒުވެފައެވެ.

ވެންޓިލޭޓަރުގެ ކޮރަޕްޝަނާއި, އޮކްސިޖަން ސިލިންޑަރުތަކުގެ ކޮރަޕްޝަނާއި ވިޔަފާރިތަކަށް ކުރިމަތިލާންޖެހުނު ދަތި އުނދަގޫ ހާލަތަކީ މިއިންތިހާބުގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވާނޭ އެންމެ ބޮޑެތި ކަންކަމެވެ. އަދި ވަކިން ހާއްސަކޮށް އެޗްޕީއޭއިން މިފަހުން ގައިޑްލައިންތަކަށް މިގެންނަ ކުއްލި ކުއްލި ބަދަލުތަކާއި ހެދި ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށްވެސް ވަނީ އަމާޒުވެފައެވެ.

މިކަމުގެ ހިތި އެމްޑީޕީން މި އިންތިހާބުގައި ތަހައްމަލު ކުރަންޖެހިދާނެކަމަށް ގިނަ ފަރާތްތަކަކުންދެކެއެވެ.