Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ކޮވިޑު-19

ވެކްސިން ކިއު، ނުރައްކާތެރި ބިރުވެރި މަންޒަރެއް!

ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އާންމުކޮށް ޖަހައިދިނުމުގެ ފަހު ދުވަހަކީ މިއަަދު ކަމަށްވާތީ މިއަދުވެސް ވެކްސިން ޖެހުމަށް ގިނަ ބަޔަކު ނިކުމެ ކިއު ދަމާލައިފިއެވެ.

ވެކްސިން ޖެހުމަށް މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ ބަޔަކު ނިކުމެފައިވާ އިރު ގިނަ މީހުންގެ ކަންބޮޑުވުމަކީ ވެކްސިން ކިއުތައް އެޗްޕީއޭގެ ގައިޑުލައިން ތަކާއި ހިލާފަށް ގައި ދުރުކަމެއް ނެތުމެވެ. މާލެ ސިޓީގައި ކޮމިއުނިޓީ ސްޕްރެޑު އޮތުމާއި އެކު އަދި ކޮވިޑު-19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވެ އެޗްޕީއޭއިން ތަފާތު ހަރުކަށި ފިޔަވަޅު އަޅާފައިވީ ނަމަވެސް ވެކްސިން ޖަހަން ނިކުންނަ މީހުންގެ ތެރޭގައި މީގެ އެއްވެސް ގައިޑުލައިނަކަށް ބޯލަނބާ މަންޒަރެއް ނުފެނެއެވެ. އަދި މިކަންކަން ހައްލު ކުރުމަށް އެޗްޕީއޭއިން މަސައްކަތެއް ނުކުރާތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވެކްސިން ޖަހާ ސެންޓަރު ކައިރީ ކިއު ހަދާފައި ތިބޭ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. އޭގެ ތެރޭގައިވެސް ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގިނަކަން ފާހަގަ ކުރެވެއެވެ.

ވެކްސިން ދިނުމުގައި ކިއު ދިގުވެ އެއްވެސް ގައިދުރުކަމެއް ނެތުމުގެ ސަބަބުން އެޗްޕީއޭއަަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭގެތެރޭގައި މަޖިލީހުގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ. ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވިގޮތުގައި ވެކްސިން ދިނުމުގައި އެޗްޕީއޭގެ އެއްވެސް އިންތިޒާމެއް ނެތް ކަމަށާއި ވެކްސިން ދިނުމަށް ގާއިމްކޮށްފައިވާ މަރުކަޒުތަކުގައި ކިއުތައް ހަދާ މީހުންތައް ތިބެނީ ގައިގޯޅިވެގެން ކަމަށެވެ. އަދި ކިއޫގައި ތިބޭ މީހުން އެހެން ތިބެނީ އެޗްޕީއޭގެ އިންތިޒާމެއް ނެތުމުން ކަމަށާއި އެކަމުގެ ސަބަބުން އެޗްޕީއޭ ޖުރިމަނާކުރަންޖެހޭ ކަމަށެވެ.

އެހެންނަމަވެސް އެހެންފަރާތްތަކުން ދެކޭގޮތުގައި އެޗްޕީއޭއިން އިންތިޒާމް ހަމަނުޖެއްސިނަމަވެސް ވެކްސިން ޖަހަން ގޮސްތިބޭ މީހުން އަމިއްލަ ފަރުދީ ޒިންމާ އުފުލަންޖެހޭނެއެވެ. އެގޮތުން އަމިއްލައަށް ގައިދުރުކުރުމާއި އެޗްޕިއޭގެ ގައިޑްލައިންތަަކަށް އަމިއްލައަަށް އަމަލުކުރަންޖެހޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ފާއިތުވި ދުވަސްތަކަށް ބަލާއިރު މާލެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވަރަށް ގިނައެވެ. މިޔަ ހަފްތާ އާއި ހަމައަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ އެވްރެޖް 150 އިން މަތީގައެވެ. މީގެ ސަބަބުން ބަލި ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވެކްސިން ކިއުއިން ފެންނަ މަންޒަރަކީ ބަލި ކޮންޓްރޯން ނެއްޓިގެން ހިގައިދާނެ ފަދަ މަންޒަރެކެވެ. އެތައް ހާސް ބަޔަކު ކިއުގައި ތިބި އިރު ބަލި ޖެހިފައި ތިބި މީހުންނާއި، އަދި އެފަދަ މީހުންނާއި ބައްދަލުވެފައިވާ މީހުންނާއި ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެނަމަ މިކަމުގެ ނުރައްކާ އިންތިހާއަށް ބޮޑެވެ.