Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު ޕޮލިސް

ސީލައިފް އަންމަޓީ ހައްޔަރުކޮށްގެން ރާއްޖެ ގެނެސްފި

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅޭ މައްސަލައިގައި ހައްޔަރުކުރަން އަމުރު ނެރެ ލަންކާގައި ހައްޔަރުކޮށްފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ) ރާއްޖެ ގެނެސްފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، އަންމަޓީ މިއަދު ރާއްޖެއަށް ގެނެސްފައިވާކަމަށެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ގެންދާނެކަމަށެވެ.

އިންޓަޕޯލް ރެޑްނޯޓިސްވެސް ނެރެފައިވާ އަންމަޓީ ލަންކާއިން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އައްމަޓީ ހައްޔަރުކުރަން އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރުނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.

ސީލައިފް ގްލޯބަލް އަށް ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރުގެ މަރޗު މަހުގެ 13 ވަނަ ދުވަހު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވެއެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސުގެ އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ.

އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ވަނީ އެއްބަސްވުފައެވެ. އެ ކުންފުނީގެ އެމްޑީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ.