Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު އައްޑޫ

އަންނަ އަހަރު އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާނެ: މިނިސްޓަރު އަސްލަމް

މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރު އައްޑޫސިޓީގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށާނެކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އަސްލާމާއި މެމްބަރުން ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުވަނީ މިއަހަރު އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފެށޭނެތޯ ސުވާލުކޮށްފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއެއް އައްޑޫގައި ނުފެށޭނެކަމަށެވެ. އެހެންނަމަވެސް އަންނަ އަހަރު ޕީއެސްއައިޕީގެ ދަށުން އައްޑޫގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ފަށާނެކަމަށް ވިދާޅުވިއެވެ.

އެގޮތުން މިހާރު ރަށްރަށަށް ބޯހިޔާވަހިކަން ބޭނުންވާ މިންވަރު ދެނެގަންނަމުން އަންނަކަމަށާއި، އެމަސައްކަތްތައް އަންނައަހަރު ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިނިސްޓަރު އަސްލަމް މި މަޝްރޫއުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ އައްޑޫ އަކީ އާބާދީ ބޮޑު އިގްތިސޯދެއް އޮތް ތަނަކަށް ވާއިރު ހައުސިން ރިއަލް އެސްޓޭޓް ޑެވެލޮޕަރުންނަށް އެކަމުގެ ޕޮޓެންޝަލް ހުރިކަން ފެންނާނެކަން ޔަގީންކުރާކަމަށް ވިދާޅުވިއެވެ.