Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު ކޮވިޑު-19

ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗް ރާއްޖެ ގެނެސްފި

ވެކްސިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާ 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗް މިއަދު ރަސްމީކޮށް ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި މި ވެކްސިން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އަދި މިނިސްޓަރ އޮފް ހެލްތު އަޙުމަދު ނަސީމް އާއި ހަވާލުކޮށްދެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް، އަދި ވަކިން ހާއްސަކޮށް ވެކްސިނޭޝަން ޕްރޮގްރާމަށް، ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ. އަދި ޗައިނާގައި އުފައްދާ ވެކްސިން އަކީ އެންމެންނަށް ލިބޭނެ ވެކްސިންއެއްކަން ކަށަވަރުކޮށްދެއްވާކަމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް އާއި ޗައިނާ ސަރުކާރަށްވެސް މިނިސްޓަރު ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާއެކު ވެކްސިން ގެނައުމުގައި އެހީތެރިވި ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ކުންފުނިތަކަށްވެސް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ 100،000 ޑޮރަލަށް ފްލައިޓެއް ޗާޓަރު ކޮށްގެނެވެ. އަދި އެކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ބައެއް ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމްގެ އިތުރުން ކޮވިޑްގެ ސަބަބުން ދިމާވި އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމުގައިވެސް ޗައިނާއިން އެހީތެރިވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގ އިން މާލެ އަށް މި ވެކްސިން ގެނައުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ 2ދެ ފްލައިޓް ޗާޓަރުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމާފައިވަނީ ވެކްސިން ވީ އެންމެ އަވަހަށް ރާއްޖެއަށް ގެނައުމުގެ ބޭނުމުގައެވެ.