Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ޅ. އަތޮޅުގައި ކޮވިޑް-19 ފެތުރޭތީ ކުއްލި މައްސަލައެއް

އަހުމަދު ޝިޔާމް - ފޮޓޯ: މަޖިލިސް

ޅ. އަތޮޅުގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަމާއި ގުޅިގެން ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ.

ޝިޔާމްގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ޅ. ފެލިވަރުގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިހާތަނަށް 300 އަށްވުރެއް މަތީގައިއުޅޭކަމަށެވެ. އަދި އެކަމާގުޅިގެން ޅ އަތޮޅުގެ އެހެން ރަށްރަށުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރި ފެލިވަރުގެ އިތުރުން ނައިފަރާއި ހިންނަވަރު، ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމާ ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ހާލަތުގައިވެސް ޅ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތްކަމަށާއި، ސާމްޕަލްގެ ނަތީޖާއަށް އެތައް ދުވަހަކު އިންތިޒާރުކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ޅ. އަތޮޅުގެ ރައްޔިތުން މިހާތުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުން ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެގޮތުން ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށާއި، ރައްޔިތުން ލޯނުތަކަށް ދައްކަންޖެހޭ ފައިސާ މަޑުޖައްސާދިނުމަށާއި، ކަރަންޓު ބިލުތަކަށް ލުޔެއް ހަމަޖައްސަވާ ދެއްވާ، ޅ. އަތޮޅުގެ ރަށްތަކަށް ކުރިމަތިވެފައިވާ ދަތިހާލަތުން އަރައިގަތުމަށްޓަކައި ވީއެންމެ އަވަހަށް އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.