Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު ސިޔާސީ

އަނަސް އަކީ އެމްޑީޕީ، ވޯޓު ތި ދެވެނީ އެމްޑީޕީއަށް: ހަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވި މާލެސިޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުއްސައްތާރަކީ އެމްޑީޕީ ކަމަށެވެ.

"އަނަސް އަބްދުއްސައްތާރުގެ ވަކި ވިސްނުމެއް ނޯންނާނެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފިކުރު." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އަނަސް މާލޭސިޓީ ކައުންސިލްގައި ހިންގާނީ އެމްޑިޕީގެ ސިޔާސަތުތައް ކަމަށާއި، އެ ސިޔާސަތުތައް ހިންގުމަށް ރައްޔިތުން ވޯޓު ލާންޖެހެނީ ތިލަފަތަށް ކަމަށެވެ.

އަދި ވިދާޅުވީ ރައްޔިތުން ލާ ވޯޓަކީ އަނަސްއަށް ލާ ވޯޓެއް ނޫން ކަމަށާއި، އެއީ ތިލަފަތަށް ޖަހާ ވޯޓެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ކެނޑިޑޭޓުންގެ ފޮޓޯ ހުންނާނެ ޖަހާފަ. ވޯޓު ކަރުދާސްކޮޅުގަ ހުންނާނެ ފޮޓޯ ޖަހާފަ. ހުރިހާ ފޮޓޮއެއް ހުންނާނީ އެއްގޮތަކަށް. އެއީ ތިލަފަތް. އަނަސް އަބްދުއްސައްތާރު ފެންނާނީ ތިލަފަތެއްގެ ސިފައިގަ." ހަސަން ލަތީފް ވިދާޅުވިއެވެ. 

މީގެ އިތުރުން ހަސަން ވިދާޅުވީ އެމްޑީޕީން އަބަދުވެސް ދައްކަނީ ތިލަފަތަށް ވޯޓުލާ ވާހަކަ ކަމަށާއި، އެމްޑީޕީއާ ހަވާލުކުރި ކަމެއް ނުކުރެވިފައި ނޯންނާކެކަމަށެވެ. އަދި ހުރިހާ ރައްޔިތުންވެސް ނިކުމެ ތިލަފަތަށް ބޯކޮށް ވޯޓު އެޅުމަށް ހަސަން ގޮވާލެއްވިއެވެ.

އޭޕްރިލް 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު އޮންނައިރު، މަޖިލީހުގައި އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. މާލެސިޓީ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓުގައި އަނަސް ވާދަކުރައްވާއިރު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއެވެ. އަދި އަމިއްލަ ގޮތުން އިލްހާން ފަހުމީ މާލޭ މޭޔަރުކަމަށް ވާދަކުރައްވައެވެ.