Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ރެކޯޑު އަދަދެއް، ހަފްތާއަކުން 1258 ކޭސް

ނިމިގެންދިޔަ ހަފްތާއަކީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ހަފްތާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން ފުރަތަމަ ކޮމިއުނިޓީ ކޭހެއް ފެނިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން އެޗްޕީއޭ އިން ހަފްތާ ގުނަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އިން އަނެއް ހަފްތާގެ އަންގާރަ އަށެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ މިދިޔަ ހަފްތާއަކީ މިހާތަނަށް މި އައުޓްބްރޭކުގައި އެއް ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވާ ހަފްތާ ކަމަށެވެ.

"އެއީ 1258 ކޭސް މިވަނީ ވޭތުވެދިޔަ ހަފްތާގައި ފެނިފައި" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ހަފްތާތެރޭގައި ފެންނަ ކޭސްތަކުގެ ބޮޑު ބައެއް އަންނަނީ މާލެ ސަރަހައްދުން ކަމަށްވީ ނަމަވެސް މިދިޔަ ހަފްތާގައި ކޭސްތައް ގިނައިން ފެނިފައިވަނީ އަތޮޅުތެރެއިން ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ފެނުނު ކޭސްތަކުގެ ތެރެއިން މާލެ ސަރަހައްދުން ފެނިފައިވަނީ 549 ކޭސް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"ވޭތުވެދިޔަ ހަތަރު ފަސް ހަފްތާގައި މާލޭގެ ކޭސްތައް ޖުމްލަ ގޮތެއްގައި ދަށަށް އަންނަމުންދާކަން ފާހަގަކުރެވޭ" ނަޒްލާ ވިދާޅުވިއެވެ.

މިއަހަރު ފެށުނުފަހުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގައެވެ. އެގޮތުން އިއްޔެ ވެސް 113 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 3062 ގައެވެ. 85 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު 67 މީހަކު ވަނީ ނިޔާވެފައެވެ.